އިމިގްރޭޝަން ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދު
އިމިގްރޭޝަން ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދު
އިމިގްރޭޝަން ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ގަވާއިދާއި ހިލާފަށް އުޅުނު ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އެ ފައިސާ ޝަމްއާންގެ ގެއަށް ގެންގޮސް، އެ ބިދޭސީ ޝަމްއާނުގެ އަމުރަށް އިމިގްރޭޝަންގެ ބަންދުން ދޫކުރި މައްސަލާގައި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ ޝަމްއާންގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ.

މި މައްސަލާގައި ދެން ދައުވާ ކޮށްފައިވަނީ އިމިގްރޭޝަންގެ ތިން އޮފިސަރުން ކަމަށްވާ ގ. ހެޕީ ސައިޑް އިބްރާހީމް އަހުމަދާއި ތ. ބުރުނީ، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް އަދި މ. ހަޒާރީވިލާގެ، އަހުމަދު ލައްސާންގެ މައްޗަށެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ޝަމްޢާން އާއި އަލްސަންގެ ބައެވެ. މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ ލައްސާންގެ ބައި ވަކިން ކުރިއަށް ގެންދަނީ އޭނާ ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދާފައިވާތީ ކަމަށެވެ. ނަމަވެސް އިބްރާހިމްގެ ބައި ވަކިން ކުރިއަށް ގެންދާ ސަބަބެއް ޤާޟީ ވިދާޅުވެފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ޝަމްއާންގެ ފަރާތުން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށާއި، ބަންދު މުރާޖައާ ކޮށްދިނުމަށް އެދިފައެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އެ ބައި ކުރިއަށް ގެންދަވާނެ ކަމަށް ޤާޟީ ވިދާޅުވިއެވެ.

އޭގެއިތުރުން މައްސަލައިގެ ލިޔުންތައް އަދިވެސް ދައުވާ ލިބޭ މީހުންނަށް ރައްދުކޮށް ދީފައިނުވާތީ، ދައުވާ އިއްވުމަށާއި ޖަވާބުދާރީވުމަށް އެހެން އަޑުއެހުމެއް ތާވަލު ކުރަށްވާނެ ކަމަށް ޤާޟީ ވިދާޅުވެފައިވެއެވެ.

ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން