އެމްޑީޕީގެ ހަރުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އޮންލައިން ވިޔަފާރިކުރާ ފަރާތްތަކުން ވަކި ވެބްސައިޓްތަކަކުން ކުރާ ވިޔަފާރިއަށް 30 އިންސައްތައިގެ ފީއެއް ނަގަން ނިންމި ނިންމުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ދިވެހިން އެންމެ ގިނައިން އޮންލައިން ވިޔަފާރި ކުރަމުންދާ ޓެމޫފަދަ ސައިޓުތަކުން ވިޔަފާރިކުރާނަމަ، މިދިޔަ އަންގާރަ ދުވަހުން ފެށިގެން 30 އިންސައްތައިގެ ފީއެއް ނެގުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ނިންމާފައެވެ. ބީއެމްއެލުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނީ، އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް 1 ޖުލައި 2025 އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. ޝަމްހީދު ވިދާޅުވީ އެއްވެސް ޓެކުހެއް ނަގާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅާ ފާސްކޮށްގެން ކަމަށެވެ. އެ ނޫން ގޮތަކަށް އެކަން ކުރުމަކީ ޤާނޫނުއަސާސީގައި ބުނާ ހަމައާ ޚިލާފު ކަމެއް ކަމަށާއި އެއީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ޑރ. ޝަމްޙީދު ވިދާޅުވިއެވެ.

ޝަމްޙީދު ވަނީ ބޭންކުން މި ނިންމުން ނިންމާފައި ވަނީ ޗައިނާއާ އެކު ރާއްޖެއިން ވެފައިވާ ފްރީޓްރޭޑް އެއްބަސްވުމާ އެކު އައި ބަދަލުތަކުގެ ސަބަބުން ކަމަށް ތުހުމަތުކުރައްވާފައެވެ. ޑރ.ޝަމްހީދު ވިދާޅުވީ ބޭންކުން 30 ޕަސެންޓް ފީ ނަގަން ނިއްމި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށެވެ.

"މިކަން މަޖިލީހަށް ގެންދާނަން، ގެންދެވެން އޮތް އެންމެ މައްޗަކަށް ގެންނާނަން، އެފްޓީއައި ގެނައިމަ އެ މީހުންނަށް ޓެކްސް ނުނެގޭކަން ނޭނގޭ. ނުނެގުނީމަ ކާޑް ޔޫޒަރ އަތުން މި ނަގަން އުޅެނީ. މި ނިންމުން އިޢާދަކުރަން ގޮވާލަން،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއް ކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ. އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓްތަކުން (މިވަގުތު ޓެމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާދައްކާއިރު 30 އިންސައްތައާ ހަމައަށް ފީއެއް ނެގޭނެ ކަމަށް އެބޭންކުން ވަނީ ބުނެފައެެވެ. މީގެ އިތުރުން 500 ޑޮލަރަށް ޑެބިޓް ކާޑުގެ ލިމިޓް ބީއެމްއެލުން މިހާރު ވަނީ ބޮޑުކޮށްފަައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން