މަރްޔަމް ނަހްދާ ވަޙީދު   6 ޖުލައި 2025 - 7:47
ތަފާތު އެކި ބާވަތުގެ މޭވާ
ތަފާތު އެކި ބާވަތުގެ މޭވާ
މޭވާއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު ބައެއް ކަމަށް ވެފައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މޭވާ ކެއުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ. މޭވާގައި އެކި ބާވަތުގެ ވިޓަމިންތަކާއި، މިނެރަލްތަކާއި، ފައިބަރު ހިމެނެއެވެ. ނަމަވެސް، މޭވާގައި ހަކުރު ހުންނަކަމަށް ވާތީ، ގިނަ ބަޔަކު މޭވާ ކެއުމަށް ޖެހިލުން ވެއެވެ. ޚާއްސަކޮށް، މޭވާގައި ހުންނަ ހަކުރަކީ، އަޅުގަނޑުމެން އާންމުކޮށް ކައި އުޅޭ ހަކުރު (ރިފައިންޑް ޝުގަރ) ފަދަ އެއްޗެއް ކަމަށް ހީކުރެއެވެ. އެހެންނަމަވެސް، މި ދެ ބާވަތުގެ ހަކުރުގެ ތަފާތު ވަރަށް ބޮޑެވެ. މޭވާގައި ހުންނަ ހަކުރަކީ ގުދުރަތީ ހަކުރެވެ.

ތިރީގައި މި ހިމަނާލަނީ މޭވާގައި ހުންނަ ހަކުރާމެދު ހީވެފައިވާ ކުށްހީތަކާއި، އޭގެ އަސްލެވެ.

ކުށްހީ: މޭވާގައި ހުންނަ ހަކުރަކީވެސް އެހެން ކާބޯތަކެތީގައި ހުންނަ ހަކުރު ފަދައިން ހަށިގަނޑަށް ގެއްލުންހުރި އެއްޗެއް.

މިއީ މޭވާއާ ގުޅޭގޮތުން އާންމުކޮށް ހީވާ އެއް ކުށްހީއެވެ. ގިނަ ބަޔަކު ހީކުރަނީ މޭވާގައި ހުންނަ ހަކުރަކީ ޕްރޮސެސްކޮށްފައި ހުންނަ ކާނާގައި ހުންނަ ހަކުރު ފަދަ ހަކުރެއް ކަމަށެވެ. އެހެންނަމަވެސް، މި ހީއަކީ މުޅިން ރަނގަޅު ހީއެއް ނޫނެވެ. މޭވާގައި ހުންނަ ހަކުރަކީ "ފްރެކްޓޯސް" ކިޔާ ގުދުރަތީ ހަކުރެވެ. މި ހަކުރު އާންމުކޮށް ކާން އުޅޭ ހަކުރާ (ސުކްރޯސް) ވަރަށް ތަފާތެވެ. މޭވާގައި ހުންނަ ހަކުރާއެކު ފައިބަރު، ވިޓަމިންސް، މިނެރަލްތައް އަދި އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ. ޚާއްސަކޮށް ފައިބަރަކީ ހަކުރު ލޭގެ ތެރެއަށް އަރާ މިންވަރު މަޑުކޮށްލާ ދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވުން ކޮންޓްރޯލް ކުރެވި، ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިބިގެންދެއެވެ. ޕްރޮސެސްޑް ފުޑްސްގައި ހުންނަ ހަކުރުގައި މިއިން އެއްޗެއް ހިމެނިފައި ނުހުންނާތީ، އެއީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ކަމަށް ބެލެވެއެވެ.

ކުށްހީ: ހަކުރު ބަލި ހުންނަ ނަމަ މޭވާ ކާކަށް ނުވާނެ

ގިނަ މީހުން ހީކުރާގޮތުގައި ހަކުރު ބަލި ހުންނަ މީހުންނަށް މޭވާ ނުކެވޭނެއެވެ. އެހެންނަމަވެސް، މިއީ ހަގީގަތެއް ނޫނެވެ. ހަކުރު ބަލީގެ މީހުންނަށްވެސް މޭވާ ކެއުމަކީ ފައިދާހުރި ކަމެކެވެ. މޭވާގައި ހުންނަ ފައިބަރާއި، ވިޓަމިންތަކަކީ ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވާ ކާނާއެވެ. ނަމަވެސް، ވަކި މިންވަރަކަށް ކެއުމާއި، "ގްލައިސެމިކް އިންޑެކްސް" ދަށް މޭވާތަކަށް އިސްކަންދިނުން މުހިންމެވެ.

ކުށްހީ: ބަރުދަން ލުއިކުރަން ބޭނުންވާނަމަ މޭވާ ކައިގެން ނުވާނެ

ބަރުދަން ލުއިކުރަން ބޭނުންވާ ގިނަ ބަޔަކު މޭވާ ކެއުމުން ދުރުހެލިވަނީ، މޭވާގައި ހަކުރު ހިމެނޭތީއެވެ. އެހެންނަމަވެސް މިއީވެސް ރަނގަޅު ހީއެއް ނޫނެވެ. މޭވާއަކީ ކެލޮރީ މަދު، ފައިބަރު ގިނަ ކާނާއެކެވެ. މޭވާގައި ހުންނަ ފައިބަރަކީ ބަނޑު ފުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ގިނަ ކާބޯތަކެތި ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، މޭވާގައި ހުންނަ ގުދުރަތީ ހަކުރު، ހަކުރު ހިމެނޭ އެހެން ކާބޯތަކެތި ކެއުމަށް ބޭނުންވާ މިންވަރު މަދުކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން