ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް
ގާނޫނުއަސާސީގައި ތަޅުލެވިފައިވާ މާއްދާތައް ހުޅުވުމަށް ފެންނަ ނުފެންނަ ވޯޓެއް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް ގަދަބަސް ބުނުމަކީ އާންމު ރައްޔިތުންނަށް އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މަޖިލީހުން ނިންމާ ކަންތައްތަކުގައި ރައްޔިތުންގެ ސީދާ ބަހެއް ހޯދޭނެ ހަމައެކަނި ގޮތަކީ ފެންނަ ނުފެންނަ ވޯޓު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ޢަމަލުކުރާ އުސޫލުކަން ފާހަގަ ކުރަށްވަމުން ނާޒިމް ވިދާޅުވީ، ގާނޫނުއަަސާސީގެ ބައެއް މާއްދާތައް ހުރީ ތަޅުލެވިފައި ކަމަށެވެ. އެގޮތުން އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ ބައެއް މާއްދާތަކާއި، ރައްޔިތުންނާ ގުޅުންހުރި ގިނަ މާއްދާތައް ހުރީ ތަޅުލެވިފައިކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެ މާއްދާތައް ހުޅުވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެހުމަކީ މުހިއްމު ކަމެއް ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެހުމުގެ ބިލުގައި، ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބަށް އިސްލާހު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި، ރިޔާސަތުގެ ދައުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި، ރައީސް ބިލްތައް ތަސްދީގުކުރުމާއި، ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގައެވެ.

ރައްޔިތުންގެ ވޯޓަށް އަހަން މަޖިލީހުން ނުވަތަ ރައިސް ނިންމަވާ ހާލަތްތަކުގައި ގަރާރެއް ނެރެންޖެހޭއިރު އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓަށް ނެގުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލްގައި ވެއެވެ.

އޭގެއިތުރުން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން ހޭދަވާން ޖެހޭ މުއްދަތަކީ 90 ދުވަސް ކަމަށާއި، އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަަކަށް ވެސް ބައިވެރިވެވޭ މި ވޯޓު ކުރިއަށް ގެންދަން ޖެހެނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ބަޔާން ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު