އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިއްޔެ މާލޭ ދިލްބަހާރުމަގުން 31 ބިދޭސީން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މާލޭގެ ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި މި އޮޕަރޭޝަނުން، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަމަށް ހައްލު ކުރުމަށް ދަޢުލަތުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 ބިދޭސީން ވަނީ ޑީޕޯޓު ކޮށްލާފައެވެ.

އަދި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 151،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު