ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުގެ ފުރުސަތު ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

މިދިޔަ މެއި މަހު އުއްތަމަ ފަނޑިޔާރު ރިޓަޔަރވުމަށް ހުށަހެޅުއްވުމާ ގުޅިގެން، އެ މަނިކުފާނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަން ޖޭއެސްސީން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަންނަ ހަފްތާގައި އާންމުކުރާނެ ކަމަށް ޖޭއެސްސީން ހާމަކޮށްފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ރިޓަޔަރ ކުރަށްވަން ނިންމަވާފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.

އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާނަކީ މިހާރު އަމަލުކުރާ ޤާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔަރވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަޤާމުން ދުރުކުރެއްވި ބޭފުޅުންނެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވުނު މުއުތަސިމް އަދުނާން، 2009 އިން 2014 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އެ މަނިކުފާނަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމްއިން ބެޗިލަރ އޮފް ލޯސް (1992) އަދި ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯއިން މާސްޓަރ އޮފް ފިލޯސޮފީ (1994) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް މަޤާމުން ރިޓަޔާ ކުރެއްވުމަށް މުއުތަސިމް ނިންމަވާފައިވާއިރު، މި ވެރިކަމުގައި ސުޕްރީމް ކޯޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު