ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު ވެލިދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި ބައިވެރިނުކުރުމުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ނުރުހުން ފާޅުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ ރައީސް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވެލިދޫ ދާއިރާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިއަދާ ހިސާބަށް ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް އޭނާއާ ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.

އައްބާސް ވިދާޅުވީ ޕީއެންސީއަށް ނިސްބަތް ނުވިކަމުގައި ވިޔަސް، މިއަދާ ހިސާބަށް ދާއިރާ އަދި ރައްޔިތުންގެ ހައްޤުގައި ސަރުކާރަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް މަޖުލީހުގެ ތެރެއިންނާއި ބޭރުން ދެމުން ގޮސްފައިވާ ކަމަށެވެ.

"ރަނގަޅު ރަނގަޅައް ނުރަނގަޅު ނުރަނގަޅައް ބުނަމުން، ދާއިރާގެ ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރީ ރައްޔިތުންގެ ބަސް މަޖުލީހުގައި އިއްވުމަށް، ރައްޔިތުން އަޅުގަނޑު އިންތިހާބު ކުރީ އެރައްޔިތުން އުޅޭ ނިކަމެތި ހާލު ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މަޖުލީހުގެ ތަޅުމުގައި އިއްވުމަށް، އެއްވެސް ހާލެއްގައި ސަރުކާރުން އަޅާހައި ބަތަކަށް ރިހަ ކިޔައިގެން، ނަގޫ ފިތި އިންނާކަށް ނޫން." އައްބާސް ވިދާޅުވިއެވެ.

ވެލިދޫ ދާއިރާއަށް ރަސްމީ ހައިސިއްޔަތުން ވަޑައިގަންނަވާ ދަތުރުފުޅެއްގައި، އެ ރައްޔިތުން އިންތިހާބު ކުރެއްވި މެންބަރަކަށް އަންގާނުލާ ވަޑައިގަތުމަކީ ރައްޔިތުންނާއި ސަރުކާރާއި ގުޅުވައިދޭ ގުނަވަނެއް ފެއިލްކޮށްލުން ކަމުގައި އައްބާސް ސިފަކުރެއްވިއެވެ.

"އަޅުގަނޑުގެ ކުށަކީ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރުންތޯ؟ ‏ދައުވަތު ދެއްވިޔަސް ނުދެއްވިޔަސް ރައްޔިތުންގެ ހައްޤުގައި އަޅުގަނޑު މިކުރާ މަސައްކަތް ހުއްޓުވައި ކުޑަކަކުލައް ތިރި ނުކުރެވޭނެ!" އައްބާސް ވިދާޅުވިއެވެ.



އޭނާ އިތުރަށް ވިދާޅުވީ މިއަދާ ހިސާބަށް މަޖިލީހުގެ ތަޅުމުގައި ވެލިދޫ ދާއިރާގެ ރައްޔިތުން ފަހުރުވެރިވާނޭ ވަރަށް އެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާފައިވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ޓަކި ނުޖަހާ މިނިސްޓްރީ އެއް، ކުންފުންޏެއް، އަދި ނުގުޅުއްވާ މިނިސްޓަރެއް އަދި އެމްޑީ އެއް ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދާއިރާގެ ހުއްޓިފައިވާ ތަރައްޤީގެ ދުވެލި ހަލުވި ކުރުމަށް ސަރުކާރަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ދެމުން ގެންދާއިރު، އެ ދާއިރާއަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ބައިވެރި ނުކުރުމަކީ އަޅުގަނޑު އިންތިހާބުކުރެއްވި ރައްޔިތުންގެ މޫނުގައި ކޮޅުފައިންޖެއްސެވުން ނޫން އިތުރު ކޮންކަމެއްތޯ؟ އިންތިހާބު ކުރެއްވި މެންބަރު ބައިވެރިނުކޮށް ކަމާ ނުގުޅޭ އެހެން ދާއިރާތަކުގެ މެންބަރުން އަރިހުގައި ގެންދެވުމުގެ މާނައަކީ ކޮބާތޯ؟" އައްބާސްގެ ޕޯސްޓުގައި ވެއެވެ.



މިކަމާ ނުރުހުން ފާޅުކުރައްވައި ކުރެއްވި ޕޯސްޓުގައި އައްބާސް ވަނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުގައި ނުވަތަ މަޖުބޫރު ހާލަތުގައި ނިކުންނަން ޖެހޭ ރައްޔިތުން ފިޔަވައި އެހެން އެއްވެސް ރައްޔިތަކު ރައީސް މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް ނުނިކުތުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު