މަރްޔަމް ނަހްދާ ވަޙީދު   24 ޖުލައި 2025 - 8:10
ކުއްލިއަކަށް ބޮލުގައި ރިއްސުމަކީ ސްޓްރޯކުގެ އަލާމަތެއް
ކުއްލިއަކަށް ބޮލުގައި ރިއްސުމަކީ ސްޓްރޯކުގެ އަލާމަތެއް
ސްޓްރޯކަކީ ސިއްޙީ ކުއްލި ނުރައްކަލެކެވެ. ސްޓްރޯކް ޖެހެނީ ސިކުނޑިއަށް ލޭފޯރުކޮށްދޭ ނާރުތަކަށް މައްސަލައެއް ދިމާވެ، ސިކުނޑީގެ ބަޔަކަށް ލޭ ނުލިބި، ސެލްތައް މަރުވާން ދިމާވުމުންނެވެ. މިކަމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަންވެސް ކުރިމަތިވެދާނެއެވެ. ނުވަތަ ފުރާނައަށްވެސް ނުރައްކާތެރިވެދާނެއެވެ. ވުމާއެކު، ސްޓްރޯކެއް ޖެހުމުގެ ކުރިން ފެންނަ އަލާމާތްތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސްޓްރޯކު ޖެހުމުގެ މައިގަނޑު އަލާމާތްތައް ދެނެގަތުމަށް "އެފްއޭއެސްޓީ" މި އަކުރުތައް ބޭނުން ކުރެއެވެ.

- ފޭސް (އެފް): މޫނުގެ އެއްފަރާތް ދަމައިގަނެ ވާގި ނެތުން، ދުލަށް ވާންވުން

- އާރމްސް (އޭ): ދެ އަތް އެއްގޮތައް ހަރަކާތްނުކުރުން ނުވަތަ ބަލިކަށިވުން

- ސްޕީޗް (އެސް): ވާހަކަދެއްކުމަށް ދަތިވުން، ބަސްތައް ރަނގަޅަށް ނުކިޔުން

- ޓައިމް (ޓީ): މަތީގައި ފާހަގަކޮށްފައިވާ އަލާމަތްތަކުގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުން

މިއީ ސްޓްރޯކެއް ޖެހުމުގެ ކުރިން އާންމުކޮށް ކުއްލިއަކަށް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުންވެސް ފެނިދާނެ އަލާމާތްތައް ވެއެވެ. އޭގެ ތެރޭގައި:

- ކުއްލިއަކަށް ބޮލުގައި ރިއްސުން: އެއްވެސް ސަބަބެއް ނެތި ކުއްލިއަކަށް ބޮލުގައި ވަރަށް ބޮޑަށް ރިއްސަން ފެށުން.

- ލޮލުގެ ފެނުން ގޯސްވުން: އެއް ލޮލަށް ނުވަތަ ދެ ލޮލަށް ކުއްލިއަކަށް ފެނުން ގޯސްވުން ނުވަތަ ފުސްވެގެން ދިއުން.

- ހިނގަން އުނދަގޫވުން: ހަމަޖެހިލައިގެން ނުހުރެވުން، ހިނގާއިރު އެއްފަރާތަށް ދެވޭގޮތްވުން، ނުވަތަ ކޮޅަށް ހުރެ ނުހިނގޭގޮތްވުން.

- ކަންކަމުގެ ވާނުވާ ނޭނގުން: ކުއްލިއަކަށް ބޮލަށް އުނދަގޫވެ، ކަންކަން ހަނދާން ނެތުން ނުވަތަ ކަންކަމުގެ ވާނުވާ ނޭނގޭގޮތްވުން.

ސްޓްރޯކެއް ޖެހުމުން ސިކުނޑިއަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، ފަރުވާ ދެވޭ ވަގުތު ވަރަށް މުހިންމެވެ. މި އަލާމާތްތަކުގެ ތެރެއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، މަޑުނުކޮށް ވީހާވެސް އަވަހަށް އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ނުވަތަ ސިއްޙީ މަރުކަޒަކަށް ގުޅައި ނުވަތަ ގޮސް، ލަސްނުކޮށް ފަރުވާ ހޯދަންޖެހެއެވެ. ސްޓްރޯކެއް ޖެހޭ ހާލަތެއްގައި، ސިއްޙީ އެހީ އަވަހަށް ލިބިއްޖެނަމަ، ބަލީގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް