ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު
ރާއްޖޭގައި ޑިމޮކްރަސީ އަށަގެންފައިވާ ކަމަށާއި، ރާއްޖެއަކީ ނާކާމިޔާބު ގައުމެއް ކަމަށް ދުނިޔެ ނުދެކޭ ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި އަމިއްލަ އިގްތިޞާދެއް ބިނާކޮށްގެން އާއްމު ޙާލުގައި އުޅެން އުނދަގޫ ވާނެ ޤައުމެއް ކަމަށް މީގެކުރިން ޔޫއެންޑީޕީން ދުށް ކަމަށެވެ.

ނަމަވެސް މިއަދު ރާއްޖެއަކީ، އުފެއްދުންތެރިކަން ގާތްގަނޑަކަށް 6 ބިލިއަން ޑޮލަރުގައި ހުރި، ޕާ ކެޕިޓާ ބޮލެއްގެ މައްޗަށް ޖެހޭ މިންވަރުވެސް 14،000 ޑޮލަރަށް އަރާ، މެދު އާމްދަނީގެ ގައުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިމަގަށް ރާއްޖެ ގެނައުމަށް ކުރީގެ ރައީސް އިބްރާހިމް ނާސިރު އެޅުއްވި ހަރުދަނާ ފިޔަވަޅުތައް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

“މިއަދު ދިވެހިރާއްޖެއަކީ ނާކާމިޔާބު ގައުމެއްގެ ގޮތުގައި ދުނިޔޭގެ ގައުމެއް، އެހެންނޫނީ އެއްވެސް ބައެއްވެސް ނުދެކޭ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، މިނިވަންކަމަށް 60 އަހަރު ފުރޭއިރު ރާއްޖޭގައި ވަރަށް ބޮޑަށް ޑިމޮކްރަސީ އަށަގަނެފައިވާ ކަމަށާއި، ސިޔާސީ މައްސަލައެއްގައި ސިޔާސީ މީހަކު ޖަލުގައި ނެތުމަކީ އޭގެ ހެއްކެއް ކަމަށެވެ.

ޚިޔާލު ފާޅުކޮށްގެން މީގެކުރިން ގިނަ ބަޔަކު ޖަލަށްލާފައިވާތީ އެކަމުގެ ހަނދާންތައް އާކުރަށްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތްފުޅުގެ ވަރަށް ގިނަ ދުވަސްތައް ޖަލުގައި ހޭދަކުރެއްވި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޖަލަށް ލާފައިވަނީ 1989ވަނަ އަހަރު އައިލެންޑު ނޫހުގައި އެއްޗެއް ލިޔެގެން ކަމަށާއި، އޭގެކުރިން ސަންގު މަޖައްލާ ނެރުނީތީ އެޑިޓޯރިއަލްގެ އެންމެނާއި އިތުރުބަޔަކަށް އަނިޔާކޮށް ދައުވާކުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“މިއަދު ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ވެރިއެއް ޖަލަކުނެތް. ވަކި ވަރިއެއްގެ ވާހަކައެއް ނޫން. ނުކުރެވެނީއޭ މިހާރު. މިހާރު ދެން އެކަން ވާން ނެތީ. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން މިރާއްޖޭގައި ޑިމޮކްރެސީ އަށަގަންނުވައިފި އެއަށްވުރެ މާ ވަރުގަދަކޮށް.” ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ މިއަދު ރައްޔިތުންނަށް އަނިޔާ ކުރަމުން ވެރިކަން ނުހިންގޭނެ ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމުގައި ރައްޔިތުން ބޮޑު ކާމީޔާބީއެއް ހޯދާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު