ތައިލޭންޑު، ކެމްބޯޑީއާ ބޯޑަރު
ތައިލޭންޑު، ކެމްބޯޑީއާ ބޯޑަރު
ތައިލެންޑާއި ކެމްބޯޑިއާއިން ބޯޑަރު ސަރަހައްދުގައި ދެ ގައުމުގެ ދެމެދުގައި ހަމަލާ ބަދަކު ކުރަމުންދާތާ ތިން ދުވަސްވެފައިވާއިރު މި ހަމަލާތަކުގައި 33 މީހުން މަރުވެއްޖެއެވެ.

މި ދެ ގައުމުގެ ދެމެދުގައި އެންމެ ފުރަތަމަ މައްސަލަ ހޫނުވީ ޒަމާންވީ ފައްޅިތަކާއި އާސާރުތައް ހުންނަ ސަރަހައްދަކާ މެދު އޮންނަ ޒަމާންވީ ދެބަސްވުމާ އެކުގައެވެ. އޭގެ ފަހުން އެކި ހިސާބުތަކަށް ވަނީ ހަމަނުޖެހުން ފެތުރިފައެވެ.

މި ހަމަލާތަކުގެ ސަބަބުން ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ 150،000 މީހަކު ވަނީ މި ހަމަނުޖެހުންތަކުން ސަލާމަތްވާން އެހެން ހިސާބުތަކަށް ގޮސްފައެވެ.

އިއްޔެވެސް ބޯޑަރު ސަރަހައްދުގައި ވަނީ ބައެއް ގޮވުންތައް ގޮއްވާފައެވެ. އަދި މަތިންދާބޯޓާއި ހަތިޔާރު އެޅި އުޅަނދުތަކާއި އެއްގަމު މަގުން ސިފައިން ވެސް ހަމަލާ ދެމުން ދާއިރު ދެ ގައުމުން ވެސް ބުނަމުން އަންނަނީ ހަމަލާތައް ހުއްޓާލަން ބޭނުންވާ ކަމަށެވެ.

އަދި ސުލްހަ ނުވެވިގެން އުޅޭ ސަބަބުގެ ގޮތުގައި ކޮންމެ ގައުމަކުން ވެސް ދައްކަނީ އަނެއް ގައުމުގެ މައްސަލަތަކެވެ.

ކެމްބޯޑިއާގެ ޑިފެންސް މިނިސްޓްރީން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 13 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އާންމުންގެ އަށް މީހަކާއި ފަސް ސިފައިން ހިމެނޭ ކަމަށެވެ. އަދި 71 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ތައިލެންޑްގެ އިދާރާތަކުން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުން އާންމުންގެ 13 މީހުންނާއި ހަތް ސިފައިން މަރުވެފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު