މާލޭގައި ބިދޭސީއަކު ހަރު އަތުރައިގެން ދިވެހި އުފެއްދުންތައް ވިއްކަނީ: މިއީ މިހާރު ވަރަށް އާންމުކަމެއް
މާލޭގައި ބިދޭސީއަކު ހަރު އަތުރައިގެން ދިވެހި އުފެއްދުންތައް ވިއްކަނީ: މިއީ މިހާރު ވަރަށް އާންމުކަމެއް
ގޭގޭގައި ކަންމަތީ ފިހާރަ ހަދައިގެން ބިދޭސީ މީހުންގެ "އުނގު ވިޔަފާރި" މާލެ ތެރޭގައި ކުރުން މި ފަހަކަށް އައިސް ވަނީ އާންމު ކަމަކަށްވެފައެވެ. އޭގެ ފޮޓޯތަކާއި ވީޑިއޯތައް ޝޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވެސް ވެފައި އެބަހުއްޓެވެ. ގިނަ ބިދޭސީން އުނގު ވިޔަފާރި ކުރަނީ ދިވެއްސެއްގެ ހިޔަނީގައެވެ. އެމީހުންނަށް ކަޓު ލިބޭގޮތަށެވެ. މިއީ ހަގީގަތެވެ.

ދާދިފަހުން މާލޭގައި ކޮންމެވެސް ފިހާރައަކަށް ވަންނަ ދޮރުމަތީގައި އޮތް ހުސް ތަންކޮޅެއްގައި ބިދޭސީއަކު ހަރު އަތުރައިގެން ދިވެހި އުފެއްދުންތައް ވިއްކަން އިން މަންޒަރު ފެންނަ ފޮޓޯ އެއް ވައިރަލްވިއެވެ. ފޮޓޯ އިން ފެންނަގޮތުގައި އެއީ އެންމެ ދިހަވަރަކަށް އަކަފޫޓު ވެސް ހަމަނުވާ ވަރުގެ ކުޑަ ތަންކޮޅެކެވެ. މި ފޮޓޯ އާއި އެކު ޝޯޝަލް މީޑިޔާގައި އާންމުންގެ ގިނަ ބަޔަކު ޝަކުވާކޮށް ކަންބޮޑުވުންތައް އޮއްސާލިއެވެ. މިފަދަ ކަންކަން ހިނގާއިރު ސިޓީ ކައުންސިލާއި ސަރުކާރުގެ ޒިންމާއަކީ ކޮބައިތޯ އާންމުން ސުވާލު އުފެއްދިއެވެ.

ޢާންމުންގެ އެސުވާލުތަކާއި އެކު މާލޭގެ މޭޔަރު ޝިފާ މުހަންމަދު ވިދާޅުވީ، އެފަދަ ތަންތަން ނުވަތަ ބިދޭސީން ހިންގާ ވިޔަފާރިތައް ގަވާއިދަށް ފެއްތުމަށް އިކޮންމިކް މިނިސްޓްރީ އިން ތިރީސް ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. ބިދޭސީއަކު އުނގު ވިޔަފާރި ކުރަނިކޮށް ދައުރުވި ފޮޓޯގައި އެތަނަށް ހުއްދަ ދީފައިވާ ކަމުގެ ލިޔުމެއް ފެންނަން ހުރެއެވެ. އެވަރުގެ ތަންތަނަށް ހުއްދަ ދެވެނީ ކޮން އުސޫލަކުންތޯ ބައެއް މީހުން ސުވާލުކުރިއެވެ.

"އުޅޭނެހާ ގޮތަކަށް އުޅެވޭ މި ނޫން ގައުމެއް ދުނިޔޭގައި އެބަ އޮތްތަ"؟ ހިތްހަމަ ނުޖެހުން ފާޅުކުރި މީހަކު ބުންޏެވެ.

މާލެތެރެއަށް ނަޒަރު ހިންގާލި ނަމަވެސް ދެ ފޫޓު"ގެ ތަންތަންކޮޅުގައި ވެސް، އިށީންނާނެ ގޮނޑިއެއްހާ ހިސާބު ނެތި ވެސް ބިދޭސީން މުދާ ވިއްކަން ތިބޭ މަންޒަރު ފެންނަނީ މަދެއް ކޮށެއް ނޫނެވެ. މިއީ މިހާރު ވަރަށް ބޮޑަށް މޫލައި ބޮއްސުންލާފައިވާ މަައްސަލައެކެވެ. މާލޭގައި މިގޮތަށް ކަންމަތީ ފިހާރަ ހަދައިގެން ގިނައިން ވިއްކަނީ މޭވާ އާއި ތަރުކާރީ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އެކިކަހަލަ ކޮފީ އާއި އެނާޖީ ޑްރިންކާއި ދަޅާއި ސިގިރޭޓް ކަހަލަ އެއްޗެހި ވެސް ވިއްކައެވެ.



މުޅި ބާޒާރުގެ އަގު ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތްމަތީގައެވެ. ވޯރާވިޔަފާރިވެރިންނަށް ވުރެވެސް ބިދޭސީންގެ އުދަނގޫ މިހާރު މިކަމުގައި މާ ބޮޑުވެއްޖެއެވެ. މިހާރު މި ވާގޮތަކީ ރަށްރަށުގައި ދަނޑު ހެެއްދުމުގައި މަސައްކަތްކުރަނީ ބިދޭސީންނެވެ. ތަރުކާރީ އާއި މޭވާގެ ބާވަތްތައް މާލެ ގެނެސް ބިދޭސީ މީހުން އެތަކެތި ވިއްކަނީ ހަމަ އެއްކަހަލަ ބިދޭސީމީހާއެވެ. ބިދޭސީން އެތަކެތި ގަނެ އެމީހުން ކީ އަގެއްގައި އެތަކެތި ގަންނަންމިޖެހެނީ ދިވެހިންނަށެވެ. ތަރުކާރީގެ ބާޒާރު މިހާރު ކޮންޓްރޯލް ކުރަނީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ. ހާއްސަކޮށް ރާއްޖެ އައިސް ތިބި ބިދޭސީ އެތައް ބަޔަކު ކޮވިޑާ ގުޅިގެން އާމްދަނީ ލިބުން ހުއްޓުމާ އެކު އެކިއެކި އެހެން މަސައްކަތްތަކުގެ ތެރެއަށް ވަންނަން މަޖުބޫރުވިއެވެ.

އެއްވެސް ދިވެއްސަކު އަޑީގައި ނެތި، އަދި ރަޖިސްޓްރީ ވެސް ނުކޮށް ބައެއް ތަންތަން ބަންގްލަދޭޝްގެ މީހުން ވިޔަފާރިތައް ހިންގައެވެ. އަނެއްކޮޅުން ކަންމަތީ ފިހާރަ ހަދައިގެން ބިދޭސީމީހާ އެކަން ކުރަނީ ދިވެއްސަކު އަޑީގައި ހުރެގެންނެވެ. ކުލީގެ ގޮތުގައި ދިވެހި މީހާ ކިޔާ އަގެއް ކޮންމެ މަހަކު އެމީހާ އަށް ލިބުމުން އެ ނިމުނީއެވެ. ދެން އޭގެން ލިބޭ ހުރިހާ ފައިދާ އެއް މި ނަގަނީ ބިދޭސީންނެވެ.

ދިވެހި ފައިސާ ޑޮލަރަށް ހަދައި އެތައް ޑޮލަރެއް ކޮންމެ މަހަކު ވެސް ރާއްޖެ އިން ބޭރުވަނީ މިސަބަބާއި ހުރެއެވެ. ދިވެހިންގެ ކަންނެތް ކަމުންނާއި ކަންފަސޭހަކަމުންނެވެ. މިވެސް ދިވެއްސަކަށް ދިމާވި ކަމެކެވެ.

މާލޭގައި ޕިކަޕު ދުއްވާ ޑްރައިވަރަކު ދުވަހުގެ މަސައްކަތް ނިއްމާލައިފައި ފައިސާ ޖަމާކުުރަން އޭޓީއެމަށް ގޮސް ހުއްޓާ ފެނުނު މަންޒަރެއް "ރަސްއޮންލައިން" އާއި ހިއްސާކުރިއެވެ. މާލޭގައި ޕިކަޕު ދުއްވާ އެ ޑްރައިވަރު ބުނީ، އޭނާ ދުވަހުގެ މަސައްކަތް ނިއްމާލާފައި ފައިސާ ޖަމާކުރަން އޭޓިއެމްއަކަށް ގޮސް ހުއްޓާ ދެ ބިދޭސީންގެ ތެރެއިން ކޮންމެ މީހަކު ދޮޅުލައްކަ ރުފިޔާ ޖަމާކުރިތަން އޭނާ އަށް ފެނުނެވެ. އޭނާ ބުނިގޮތުގައި 3 ހަތަރު އެކައުންޓަށް އެ ބިދޭސީން ފައިސާ ޖަމާކުރި ކަމަށް ބެލެވެއެވެ.

ދިހަ ގޮޅި 12 ގޮޅި ހަދައިގެން އެކި މީހުންނަށް ކުއްޔަށް ދީގެން މާލޭގެ އެކި ތަންތަނުގައި މާރުކޭޓް ހަދައިގެން ވިޔަފާރި ކުރަމުންދާއިރު ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ދައްކާތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. މިއީ ގަވާއިދާއި އެއްގޮތަށް ވިޔަފާރި ރަޖިސްޓްރީކޮށްގެން މީރާ އަށް ޓެކްސް ދައްކައިގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ޝަކުވާ އެކެވެ. ބިދޭސީން ހިންގާ ވިޔަފާރިތައް މޮނީޓާކޮށް ބެލޭނެ ނިޒާމެއް ގާއިމްވެފައި ނެތުމެވެ.



މީޑިޔާ އަށް މައުލޫމާތު ދެއްވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ވިޔަފާރިތައް ބަލަހައްޓަން ވަރަށް ގިނަ ޒަމާނީ ގާނޫނުތަކެއް ހެދިފައި ހުރި ނަމަވެސް އެ ގާނޫނުތައް ތަންފީޒު ކުރުމުގެ ކެޕޭސިޓީ މިނިސްޓްރީގައި ނެތް ކަމަށެވެ. ވިޔަފާރިތައް ބެލެހެއްޓުމުގެ ކެޕޭސިޓީ އިތުރުކޮށް ގަވައިދާހިލާފު ވިޔަފާރިތައް ހުއްޓުވުމަށް ޕްލޭންތައް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީން ހިންގާ ގަވައިދާ ހިލާފު ވިޔަފާރިއަކީ ކޮބައިކަން ދެނެގަތުން ވެސް ސަރުކާރަށް އޮތީ ބޮޑު  ކަމަކަށްވެފައި ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވިގޮތުގައި އެކަމަށް އޮތް އެންމެ ބޮޑު ދައްޗަކީ ބިދޭސީން ވިޔަފާރި ކުރި ނަމަވެސް ވިޔަފާރި ކުރަނީ ދިވެއްސެއްގެ ނަމުގައި ކަމަށްވާތީއެވެ.

"ދެން ސަރުކާރަށް ކިހިނެއްތޯ ކަނޑައަޅާނީ އެއީ ގަވައިދާހިލާފު ވިޔަފާރިއެއް ކަމަކަށް." އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވި އެވެ.

ބިދޭސީން އެގޮތަށް ވިޔަފާރި ކުރުމަކީ ގާނޫނުތަކުން މަނާ ކަމެކެވެ. އަދި ބިދޭސީ ކޭޝިޔަރުންް ބޭތިއްބުމަކީ ވެސް މަނާ ކަމެކެވެ. މަނާ، އަދި އޭގެ ތެރޭގައި ގާނޫނާ ހިލާފު އެތައް ކަމެއް ހިމެނޭ އިރު ވެސް ސަރުކާރުން ދައްކާ ބަހަނާއަކީ އެކަން ދެނެގަންނާނެ ގޮތެއް ނެތް ކަމުގެ ބަހަނާއެވެ. އެކަމަކު ބަހަނާ ދައްކައިގެން ސަރުކާރުން މިކަމުން ބޯދަމައެއް ނުގަނެވޭނެއެވެ. އެކަންކަން ދެނެގަނެވޭނެ ގޮތްތަކެއް ހޯދުމަކީ ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. އެއްވެސް ގައުމެއްގައި، އެ ގައުމެއްގެ ގާނޫނުތައް ނުހިނގާ ބަޔަކު އުޅުމަށް ފުރުސަތު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ބިދޭސީން ބޮޑެތި ވިޔަފާރިތަކުގެ ތެރެއަށް ވަންނަ ވާހަކަ ވެސް ދައްކާތާ ލައްކަ ދުވަސްވެއްޖެއެވެ. އެކަމަށް އެޅުނު ފިޔަވަޅެއްް ކުރެވުނު ކަމެއް ފެންނާކަށް ނެތެވެ. ސުމާރެއް ނެތި ބިދޭސީން ކުރާ ވިޔަފާރިތަކުން އެ މީހުން މިހާރު ބޮޑެތި މަހުޖަނުންނަށްވެ ރާއްޖޭގެ ވިޔަފާރީގައި ރަސްކަން ކުރަނީ އެމީހުންނެވެ. މިމީހުންނާއި، އެއް އިރެއްގައި ރާއްޖޭގެ ހުރިހާ ވިޔަފާރިއެއްގެ ކޮންޓޯލް މުށުތެރެއަށް ގެނެސް ދިވެހި ރައްޔިތުން ނިކަމެތި ކޮށްލި ވޯރާ ވިޔަފާރިވެރިންނާއި ހުރީ ވަކި ކޮން ތަފާތެއްް ހެއްޔެވެ.؟ ވަގުތު ފާއިތު ނުވަނީސް އަވަހަށް ފިޔަވަޅު އަޅުއްވާށެވެ. މާޒީގައި ދިވެހިން ތަޖުރިބާ ކުރި ހިތި ތަޖުރިބާ އިއާދަވާން ފުރުސަތު ނުދެއްވާށެވެ. މިއީ ދިވެހި ގައުމުގެ އާދޭހެވެ.



ކިޔުންތެރިންގެ ހިޔާލު


13

އައްސަދު

18-Sep-2020

ކީއްކުރާނީ މިކަން ފެންނާނެ ލޮލެއް އަޑުއަހާނެ ކަންފަތެއް ނެތް, ސަރުކާރުން އުޅެނީ ދައުލަތުގެ ތިޖޫރީން ވައްކަން ކުރުމުގައި. ޙަކުރު ކިލޯ އެއްވެސް އެ ގަތީ 16 ރުފިޔާ އަށް ރައްޔިތުންނާއި މެދު ވިސްނާނީ މިހާކަންހާވަރަށް ދެން ކިހިނެތް އެހެން ކަމަކާއި އުޅޭނީ


18

ދަންނަމީހާ

18-Sep-2020

މިއީ ހަގީގަތާއި އެއްކޮޅަށް ލިޔެފައިވާ ފުރިހަމަ ރިޕޯޓެެއް, ރަސްއޮންލައިން ރިޕޯޓްތައް ހަމަ ވަރަށް ފުރިހަމަ ސާބަސް ރަސްގެ ހީވާގި ޓީމަށް


5

ެއަހުމަދު

18-Sep-2020

މިއީ ވަރަށް ފައްކާ ހަބޭސް ރިޕޯޓެެއް, ގައުމެއް ނެތް, އިންޑިޔާ އައުޓެއް ނޫން ބިދޭސީން އައުޓް ގޮވަންވީ



ޓްރެންޑިން