ހުޅުމާލޭގައި ބިނާކޮށްފައިވާ ފްލެޓްތަކެއް
ހުޅުމާލޭގައި ބިނާކޮށްފައިވާ ފްލެޓްތަކެއް
ކުރީ ސަރުކާރުން ފްލެޓް އެއްބަސްވުމުން ބައެއް އުނިކޮށްފައިވާ ކަމަށްބުނެ ފަތުރަނީ ދޮގެއް ކަމަށް އެ ސަރުކާރުގެ މައި ޙިއްސާދާރު އެމްޑީޕީން ހާމަކޮށްފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތް ކޮށްފައިވާ 4،000 ފުލެޓުތަކުގެ އެއްބަސްވުމުން ބައެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އުނިކޮށްފައިވާކަމަށް އެފްޑީސީގެ އެމްޑީ ހަމްދާން ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެެމުންނެވެ.

ޙަމްދާންގެ ވާހަކަތަކަށް ރައްދު ދެމުން އެމްޑީޕީން ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ހުރިހާ ފުލެޓުތަކަށް ފެނާއި ކަރަންޓާއި، ފޯނު ލައިނާއި ޓީވީ ކޭބަލާއި އިންޓަނެޓް ކޭބަލް ގުޅުމާ އެއްކޮށް ޒަމާނީ ފެންވަރަށް ވާނީ ފަރުމާކޮށްފައި ކަމަށެވެ. އަދި އެކަން ކުރަން ނިންމާފައި ވާނީ އިމާރާތުގެ މަސައްކަތްތައް ކޮންޓްރެކްޓަރު ނިންމުމުން ސަރުކާރާއި އެފްޑީސީންކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

“އެކަން ކުރާނެ ފަރާތްތައް ވެސް ވާނީ ކަނޑައަޅައިފަ އެވެ. އަދި އެ ކަންކަމަށް ކުރަންޖެހޭ އެންމެހައި ހަރަދުތައް ސަރުކާރުން ކުރުމަށް ވާނީ ނިންމައިފަ އެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ހަމައެއާއެކު އެމްޑީޕީން ބުނީ އެއްބަސްވުމުން އުނިކުރިކަމަށްް ބުނާ ކަންކަމަކީ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން ނިންމުމުން ސަރުކާރާއި އެފްޑީސީ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި އެއްބަސްވުމުން ކަމެއް އުނިކުރެވޭނީ އެކަމެއް އެއްބަސްވުމުގައި ހިމަނާފައިވާނަމަ އެކަމެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

“އެހެންކަމުން ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން މަސައްކަތްތަކެއް އުނިކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ދަންނަަވަން. އެ ވާހަކަތައް ފަތުރަމުންދަނީ އެ ފްލެޓުތައް މީހުންނާ ހަވާލު ކުރަން ފެށުނުއިރު ވެސް މި ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން ދެންނެވުނު މަސައްކަތްތައް ނުކުރެވި ހުރުމުން އެކަމުގެ ހަގީގަތް އޮޅުވާލައިގެން ކަމަށް މި ޕާޓީން ދެކެން.” އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން މިހެން ބުނެފައިވާއިރު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު މީސްމީޑީއާގައި ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުން ފްލެޓްތަކުގެ ފެނާއި، ކަރަންޓާއި، އިންޓަނެޓް ހިދުމަތް ދޭނެ ގޮތެއް ރާވައިފައި ނެތްކަމަށެވެ. އަދި ޓަވަރުތައް ޕަވަރ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކަހަލަ މުހިންމު ވަސީލަތްތައް މިދިޔަ ސަރުކާރުން އެއްބަަސްވުމުން އުނިކޮށްފައިވާކަމަށް ޝަކީލް ވިދާޅުވެފައިވެއެވެ.

އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ މަޝްރޫއު ހިންގާފައި ވަނީ އެފްޑީސީންނެވެ. އެގޮތުން ޖުމްލަ 32 ޓަވަރުގައި ތިން ކޮޓަރީގެ 2،800 ޔުނިޓާއި ދެ ކޮޓަރީގެ 1،200 ޔުނިޓުގެ މަސައްކަތް އިންޑިއާގެ ދެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ފަށާފައިވަނީ މުޅި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ހަމަޖައްސައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު