ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހި ފުލުހުންގެ ޚިދުމަތް
ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް، 2024 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން، ފުލުހުންނަށް ދެމުންދަނީ ބޮޑު މުސާރަ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ، ބޮޑުކުރި މުސާރަ ފުލުހުންނަށް ނުދޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ނެރެފައިވާ ބަޔާނެއްގައެވެ.

އެގޮތުން ފުލުހުން ބުނީ، 2024ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން، ސަރުކާރުން ކަނޑައެޅުއްވިގޮތަށް، ބޮޑުކުރި މުސާރަ އެއްވެސް އުނި އިތުރެއް ނެތި ފުލުހުންނަށް ދެމުންދާ ކަމަށެވެ.

ނަމަވެސް ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަކީ އާއްމު ފުލުހުންނާ ޚިލާފަށް، އެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން ދެވޭ ޚިދުމަތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން، އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށްވެސް މުސާރަ ދިނުމުގައި އަމަލުކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އޭގެއިތުރުން ފުލުހުން ބުނީ، ސްޕެޝަލް ކޮންސްޓަބުލަރީގެ ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން، އިތުރުކުރެވިފައިވާ މުސާރަވެސް ދެމުންގެންދާނެ ކަމަށެވެ.

ފުލުހުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ހުރިހާ ފުލުހުންގެ މުސާރަ 35 އިންސައްތަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 19 މާރޗް 2024 ގައެވެ.

މިއީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ. ފުލުހުންގެ އައު މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސާއި، ޖޮބް އެލަވަންސާއި، ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސްއެވެ.



ކިޔުންތެރިންގެ ހިޔާލު