މަރްޔަމް ނަހްދާ ވަޙީދު   3 އޯގަސްޓު 2025 - 9:16
ރޭގަނޑު ނިދަން އުނދަގޫވުން-
ރޭގަނޑު ނިދަން އުނދަގޫވުން-
ނިންޖަކީ ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ އަސާސީ ކަމެކެވެ. އެހެންނަމަވެސް، ދުނިޔޭގެ އެތައް މިލިއަން ބަޔަކު ނިދި ނައިސް، ނުނިދި ފުރޮޅި ފުރޮޅި އޮންނަން ޖެހުމުގެ މައްސަލައާ ކުރިމަތިލަމުން ދެއެވެ. މި މައްސަލައަށް ކިޔަނީ "އިންސޮމްނިޔާ" އެވެ.

އިންސޮމްނިޔާއަކީ ނިދުމަށް ދަތިވުން، ނިދިފައި އޮންނައިރު ދޭތެރެއަކުން ހޭލެވުން، ނުވަތަ ރަނގަޅު ފެންވަރެއްގެ ނިދި ނުލިބި އެކަށީގެންވާ ވަރަށް ނުނިދޭ މައްސަލައެކެވެ. މި މައްސަލަ ދިގުލައިގެން ދާނަމަ، ދުވާލު ވަރުބަލިވެ، ހިތްހަމަނުޖެހި، ސިކުނޑި ސާފުނުވެ ހުރުން ފަދަ ނޭދެވޭ އަސަރުތަކެއް ކުރެއެވެ.

ތިރީގައި މި ހިމަނާލަނީ މި ބަލި ޖެހުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

މީހާ ކަންބޮޑުވުން

ސިކުނޑިއަށް ބާރުބޮޑުވެ، ކަންބޮޑުވުމާއި ބިރުގަތުމުގެ އިތުރުން މާބޮޑަށް ވިސްނުން ފަދަ ކަންކަމުގެ ސަބަބުން، ކޯޓިސޯލް އަދި އެޑްރެނަލިން ފަދަ ނަފްސާނީ ބާރުބޮޑުވުމުގެ ހޯމޯންތައް ހަށިގަނޑުން ބޭރުވެއެވެ. މި ކެމިކަލްތަކުގެ ސަބަބުން ސިކުނޑި އަބަދުވެސް ހަރަކާތްތެރިވެ، ހަމަޖެހުމަށް ދަތިވެއެވެ. މިއީ ނިދުމަށް ނުވަތަ ނިދިފައި އޮންނައިރު ހޭލެވޭ މައިގަނޑު ސަބަބެކެވެ.

ނިދުމުގެ ބައެއް ގޯސް އާދަތައް

ކޮންމެ ދުވަހެއްގެ ނިދުމުގެ ވަގުތު ތަފާތުވުން، ނިދުމުގެ ކުރިން އިލެކްޓްރޯނިކް ސާމާނު ބޭނުންކުރުން، އަޑުގަދަ ނުވަތަ ނިދަން ދަތި މާޙައުލެއްގައި ނިދުން، ނުވަތަ ނިދުމުގެ ކުރިން ކެފީން ނުވަތަ ނިކޮޓީން ފަދަ މާއްދާތައް ބޭނުންކުރުން ފަދަ ކަންކަމަކީ ތިމާގެ ނިދުމުގެ ގަޑިއަށް ބަދަލުގެނެސް، ނިދަން އުނދަގޫ ކޮށްދޭ ކަމެކެވެ.

ސިއްހީ ބަލިތައް

ދާއިމީ ރިހުންތައް، ނޭވާހިއްލުން، އެސިޑް ރިފްލަކްސް، ތައިރޮއިޑް ގްލޭންޑްގެ މައްސަލަ، ހިތުގެ ބަލިތައް، ނުވަތަ ރެސްޓްލެސް ލެގްސް ސިންޑްރޯމް ފަދަ ޞިއްޙީ މައްސަލަތަކުގެ ސަބަބުންވެސް ނިދުމަށް ބުރޫއަރައެވެ. އަދި ހަމަ އެހެންމެ ހަށިގަނޑުގެ ހޯމޯނުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ނިދުމަށް އަސަރުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް