މެންބަރު ޝުޖާއު (ވ)
މެންބަރު ޝުޖާއު (ވ)
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ މަސްލަޙަތު އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މާލީ މުޢާމަލާތްތަކަކާއި ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓު ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންނާއި ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި މިއަދު ބުނެފައިވަނީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓުގެ މައްސަލަ އޭޕްރީލް މަހުން ފެށިގެން ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފެންމަތިވުމުން ޝުޖާއު ވިދާޅުވެފައިވަނީ އޭނާއާއި އޭނާ ހިއްސާވާ ވިޔަފާރި ކުންފުނި އޮފިޝަލް އިވެންޓްސް އާއި ގުޅުވާ މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން، ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން ނޭނގޭ ކަމަށެވެ. އެކަމުގެ ސަބަބަކީ އެކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން މެންބަރަށް ލިބިފައި ނުވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެމަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެމަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަޤީޤަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގްސަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެން.” ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އޭނާގެ ކުންފުނިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައިވެސް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން އެކި ޕްރޮޖެކްޓުތައް ވާނީ ކާމިޔާބު ކަމާއެކު ހިންގާފައި ކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގެ ބިޑުތައް އޭނާގެ ކުންފުންޏަށް ކާމިޔާބުވެފައިވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ބޮޑުތަނުން ރަނގަޅު ވުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭގެ އިތުރުން ޝުޖާއު ވިދާޅުވީ، އޭނާގެ މަސްލަޙަތު އޮތް ކުންފުންޏަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކުގެ ތެރެއިން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް މިނިވަންކަމާއެކު ވިޔަފާރިކޮށް އުޅުމަށް ލިބިދޭ ޙައްޤުގެ ތެރެއިން އިރާދަކުރެއްވިއްޔާ ވިޔަފާރި ފުޅާކޮށް ކުރިއަށްއޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަކީ އެމީހުންގެ އުންމީދެއް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް މީސް މީޑިއާގައި ވަނީ ލީކުވެފައެވެ. އެ ކުންފުނި ތަކަކީ ސްވޯން ފެމިލީ، ކުއިކް ޝުއާ، އޮފިޝަލް އިވެންޓްސް، ޑީކިއު ހޯލްޑިންސް އަދި ސްޓޯ ޕްރޯސް ޓްރޭޑިން އެވެ.

އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ ޝުޖާއުގެ އިތުރުން އޭނާއާ އާއިލީ ގުޅުން އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒްގެ އިތުރުން އޮފިޝަލް އިވެންޓްގެ އެއް ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރު، އަހްމަދު އަދުހަމްއާ ބެހޭ ގޮތުންނެވެ. އެ ތަހުގީގު ކުރިއަށްގެންގޮސްފައިވަނީ އެ ތިން މީހުންނާއި އިތުރު މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް