ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހާ ގުޅޭ ބިލާމެދު މިއަދު މަޖިލީހުގައި ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނަސް ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. އެ ބިލުގައިވަނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނުން ކައުންސިލުތަކަށް ކުލި ނުނެގޭގޮތް ގާނޫނު އިސްލާހު ކުރުމަށެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ މި އިސްލާހާއެކު ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނެ ފުރުސަތެއް ކައުންސިލަށް ނުލިބޭނެ ކަމަށެވެ.

"ދެން ކީއްކުރަންތޯ މި ކައުންސިލަރުން ބައިތިއްބަނީ، ލާމަރުކަޒީ ގާނޫނު މިހިސާބުން އުވާލާފައި ކުރީގެ ގޮތަށް އަތޮޅުވެރިޔާ އާއި ރަށްރަށުގެ ކުޑަ ކަތީބާއި ބޮޑު ކަތީބާއި އައްޔަނުކޮށްފައި ހުދުމުހުތާރުކަންމަތީ ހިންގަވަންވީ ނޫންތޯ،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ފަހަރަކު އިސްލާހެއް ހުށަހަޅައި، ސަރުކާރުން އުޅެނީ ލާމަރުކަޒީ ގާނޫނުގެ "ފިޔަ ކޮށާލަން" ކަމަށެވެ.

އަދި ރަށްރަށުން ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ނުލިބުމުން ކައުންސިލުން ނުކުންނާނީ ސަރުކާރު ބަދުނާމު ކުރަން ކަމަށާއި އެކަމުގެ ހުރިހާ އުނދަގުލާއި 'ދުއްޕާން' ލިބޭނީ ރައީސަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް މިފަދަ ބިލެއް ފާސްކޮށްގެން ނުވާނެ ކަމަށާއި ފާސްކޮށްފިނަމަ އެއީ ގައުމަށް ވެވޭ ހިޔާނާތެއް ކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފައެވެ.

އަދި މި ބިލް ފާސްކޮށްފިނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ގޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީއެންސީ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދީފިއްޔާ އެއީ ދިވެހި ރައްޔިތުން އެމީހުންގެ އަމިއްލަ ސަންދޯކެއް ހެދީ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ ގާނޫނަށް މިފަދަ ބަދަލު ގެނައުމަށް ރައީސަށް ލަފާ އަރުވަނީ ރަށްރަށާއި ރައްޔިތުންގެ ހާލަތު ވަޒަން ކުރަން ނޭނގޭ ފިނި ކޮޓަރީގައި ތިބޭ ބައެއް ކަމަށެވެ.

އަދި އެ އިސްލާހު ފާސްނުކުރުމަށް މެންބަރުންގެ ކިބައިން އޭނާ ވަނީ އެދިވަޑައިގެންފައެވެ. އެ އިސްލާހާ ދެކޮޅަށް އައްބާސް ވޯޓު ދެއްވަން ނިންމެވީ ރައީސް މުއިއްޒަށް ހެޔޮއެދިވަޑައިގަންނަވާތީ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ ގައުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ނުދެވޭނެ ކަމަށާއި ރައީސް ބޭނުންވާ ހުރިހާ ބިލެއް މަޖިލީހުން ފާސްކޮށްދީގެންވެސް ނުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު