ރައްޔިތުންގެ މަޖިލީހުގެ އިދާރާ -
ރައްޔިތުންގެ މަޖިލީހުގެ އިދާރާ -
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ހިޔާލު ހުށަހަޅަން އެންމެ ދުވަހެއްގެ މުހުލަތު ދިނުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެ އިސްލާހަކީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހެކެވެ.

އެ އިސްލާހުގައި، ކައުންސިލްތަކުގެ އުމުރު ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމަވުމާ ދެމެދު އޮތީ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް ނަމަ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ނޫނީ ބައެއް ކަންކަން ކުރަން ކައުންސިލުން ނިންމައިގެން ނުވާނެ ކަމަށް ކަނޑައަޅާފައި ވެއެވެ. އޭގެތެރޭގައި ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން ހަނިކުރުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ފައިސާގެ އަދަދު މުރާޖާކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ބިލަށް ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދުވަނީ ހުޅުވާލާފައެވެ. އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ނަމަވެސް، ހިޔާލު ހުށަހެޅުމުގެ ސުންގަޑި މާދަމާ، 5 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހަމަވާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިސްލާހުތަކަކަށް ހިޔާލު ހޯދަން 24 ގަޑިއިރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ހިޔާލު ހުށަހަޅަން ނަމެއްގައި ހުޅުވާލި ފުރުސަތެއްކަމަށް ވެސް ވަނީ ބުނެފައެވެ.

އާންމުބްގެ މިފަދަ ފާޑުކިޔުންތަކެއް ހުރިއިރު އިދިކޮޅު އެމްޑީގެ އިސް ފަރާތްތަކުން ދަނީ މި ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ބިލް އަނބުރާ ނެގުމަށް ވެސް ގޮވާލައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު