މަރްޔަމް ނަހްދާ ވަޙީދު   5 އޯގަސްޓު 2025 - 15:54
ފުލުހުންގެ ހިދުމަތް
ފުލުހުންގެ ހިދުމަތް
ވަގަށް ނަގާފައިވާ 69 ސައިކަލާއި 22 ފޯނު ފުލުހުންގެ މަސައްކަތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ހޯދައިފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ފުލުހުންގެ މަސައްކަތުން ހޯދި 69 ސައިކަލުގެ ޖުމުލަ އަގަކީ 3،412،530 ރުފިޔާއެވެ. އަދި ފުލުހުން ހޯދި 22 ފޯނުގެ ޖުމުލަ އަގަކީ 213،932.80 ރުފިޔާއެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފުލުހުން ވަނީ މިދިޔަ ޖުލައި މަހުގައި ފައިސާއާ ގުޅުންހުރި 43 މައްސަލައެއްގައި 935،972 ރުފިޔާ ހޯދާފައެވެ.

އަދި ކަރަންޓު ސާމާނު ގެއްލިގެން ހުށަހެޅި މައްސަލަތަކުގެ ތެރެއިން 12 މައްސަލައެއްގައި 168،850 ރުފިޔާގެ ކަރަންޓު ސަމާނު ހޯދައިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެހެނިހެން 56 މައްސަލައެއްގައި 179،225.80 ރުފިޔާގެ މުދާ ހޯދާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

ނިމިދިޔަ ޖުލައި މަހު ފުލުހުން ވަނީ 41،574 ތަނެއް ޗެކްކޮށްފައެވެ. އަދި ފުޓް ޕެޓްރޯލިން 1،196 ގަޑިއިރާއި ހަ މިނިޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި ޖުލައި މަހުގެ ތެރޭގައި 6،389 މީހުން ހުއްޓުވައި ސުވާލުކުރި އިރު، އޭގެ ތެރެއިން 6،145 މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށާއި 244 މީހުންނަކީ ކުށުގެ ރިކޯޑް ނެތް މީހުން ކަމަށްވެސް ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން އެނގެއެވެ.



ކިޔުންތެރިންގެ ހިޔާލު