ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ދަޢުލަތަށް 15 ބިލިއަން ރުފިޔާގެ ޓެކްސް ނުލިބި އޮތުމަކީ ރައްޔިތުންނަށްވެވޭ ބޭއިންސާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިބީދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެންނަ އިސްލާޙުތަކަށް ބަހުސް ކުރަށްވަމުންނެވެ. އެގޮތުން ސަލީމް ވިދާޅުވީ، ޓެކްސްގެ ފައިސާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ވަރަށް ބޮޑު އަދަދެއް ނުލިބިވާ ކަމަށާއި، އެ ޢަދަދު 15 ބިލިއަނަށްވުރެ މަތިވާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ޓެކްސް ދައްކަން ޖެހޭ އުސޫލެއް ތައާރަފުކޮށްފައިވަނީ ވަރަށް މާތް މަގްސަދެއްގައި ކަމަށާއި، ނަމަވެސް ވަކިބަޔަކު ޤަވާއިދުން ޓެކްސް ނުދެއްކުމުގެ ސަބަބުން އުނދަގޫވަނީ ދައުލަތް ހިންގުމަށް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޓެކްސް ނުދައްކާ ފަރާތްތައް ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާނޫނުގެ ތެރެއިން އެކަށައެޅުމުގެ މުހިންމުކަން ސަލީމް ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު އޭނާއަކީވެސް ވިޔަފާރިވެރިއެއް ކަމަށާއި، ދަޢުލަތަށް ޓެކްސް ފައިސާ ނުދައްކާނަމަ އޭނާއަށްވެސް ފިޔަވަޅު އަޅަން ޖެހޭނެކަމަށް ސަލީމް މިއަދު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު، ރާއްޖޭގައި ނަގަނީ ބޮޑު ޓެކުހެއް ނޫން ކަމަށާއި، ދައުލަތަށް ޓެކްސް ނުދައްކާ މީހުންނަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށް ސަލީމް މިއަދު ގޮވާލައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު