މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް
އެމްޑީޕީ ސަރުކާރުން ވަނީ ދަޢުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް މައާފުކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެންނަ އިސްލާޙުތަކަށް ބަހުސް ކުރަށްވަމުން ނާޒިމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި މާލީ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް އެއްވެސް ބެލުމެއް ނެތި ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާގެ ފީއެއް މައާފުކޮށްދީފައިވާ ކަމަށެވެ. އަދި މިދިޔަ ސަރުކާރުގައި ފައިސާއާއި ބެހޭ ގިނަ ނިންމުންތަކެއް ނިންމާފައިވަނީ އަމިއްލަ މަސްލަހަތަށް ބަލައިގެންކަމަށް ނާޒިމް ވަނީ ތުހުމަތު ކުރަށްވާފައެވެ.

“އެތައް ބިލިއަން ރުފިޔާއެއް ލަސްކޮށްދީ، ފަސްކޮށްދީ އަދި މާ ފަސްކޮށްދީފައި އެބަހުރި. އެއީ ހަމަ މި އިގްތިސާދު ދިރުވުމަށްޓަކައި. އިގްތިސާދަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި. ގަލު އަޅާފައި ނުހެދި ހުރި ރަށްތަށް ހެދުމަށް މަގުފަހިކޮށްދެން ކުރި ކަންތައްތައް.” މަޖާޒީ މޭރުމުން މިދިޔަ ސަރުކާރަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވިއެވެ.

ހަމައެއާއެކު ކުރީ ސަރުކާރުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ވަނީ ދީފައިވާ ކަމަށާއި، ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާއާއި، ޓެކުހާއި ފީތައް ފަސްކޮށް 9 ބިލިއަނެއްހާ ރުފިޔާގެ ލުއި ވަކިބަޔަކަށް ދީފައިވާކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.

މިކަންކަން ކުރިޔަށް ގެންގޮސްފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ވަރަށް ގިނަ ފައިސާ ނުލިބި ލަސްވެފައިވާކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.

“ބަދަލު ދިނުމަށް ހެދި ކޮމިޓީއަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަދު ބޭފުޅުންކޮޅެއް. އެބޭފުޅުންގެ މަސްލަހަތު ހިމެނޭ ގޮތަށް މައާފު ދިނުމާއި، ލަސްކޮށްދިނުމާއި މި ކަންތައްތައް ކުރީ.” ނާޒިމް ވިދާޅުވިއެވެ.

އޭގެއިތުރުން ނާޒިމް ވިދާޅުވީ، ސަރުކާރުން މިހާރު ހުށައަޅާފައިވާ އިސްލާހާއިއެކު ދެ ފުށް ފެންނަ ގޮތެެއްގައި ކަންކަން ކުރުމަށް މީރާއަށްވެސް ބާރުއެޅިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު