ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ އިޤްތިޞާދީ މިބޮޑު ހީނަރުކަމާއިކު އިޤްތިޞާދީ ގޮންޖެހުން އެންމެބޮޑަށް ކުރިމަތިވި އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގައި ބޭނުންކުރާ ތަކެތީގެ 99 އިންސައްތަ އަކީ ބޭރުން އެތެރެކުރާ ތަކެއްޗެވެ. މިތަކެތި އެތެރެ ކުރެވެނީ ބޭރުފައިސާ އަށެވެ. ޚާއްޞަކޮށް އެމެރިކާ ޑޮލަރަށެވެ. ބޭންކްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ޑޮލަރުގެ ޓްރާންސެކްޝަންތަކެއް ހެދިގެންނެވެ. ރާއްޖެއަށް ބޭރުފައިސާ ވަންނަ އެންމެ މުހިންމު ވަސީލަތަކީ ފަތުރުވެރިކަމުގެ ވިޔަފާރިއެވެ. އެވިޔަފާރި މިއަދު ވަނީ މުޅިން ހީނަރުވެ އަޑިއަޅާލާފައެވެ. އެހެންވީމާ ގާތްގަނޑަކަށް ރާއްޖެއަށް މިހަރު ވަނީ ބޭރުފައިސާ ވަންނަ މައި ދޮރާށި ބަންދު ވެފައެވެ. ރާއްޖެއަށް ކޮވިޑް އެރީއްސުރެ މިއޮތީ އެހާލަތުގައެވެ. އެހެން ކަމުން މިއަދު ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރު ލިބުމުގައި އޮތް ދަތިކަމެވެ. ކޯވިޑްގެ އެންމެ ފުރަތަމަ ހޭދަވި ދެތިން މަހެއްގައި ޑޮލަރުށް އޮތް ޑިމާންޑް ބޮޑުވެ ޑޮލަރު ހުރި ފަރާތްތަކުން އޭގެ ނާޖާއިޒް ފައިދާ ނަގަން ވަނީ މަސައްކަތް ފަށާފައެވެ.

ސަރުކާރާއި، މަރުކަޒީ ބޭންކު އެމްއެމްއޭއިން ޑޮލަރުގެ އަގު ހިފެހެއްޓުމަށްޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށް ޑޮލަރު ދައުރުކުރާ މިންވަރު ވަރަށްބޮޑުތަން ވަނީ އިތުރުވެސް ކޮށްފައެވެ. ނަމަވެސް މިދެންނެވި ޑޮލަރުހުރި ބައެއް ފަރާތްތަކުން ނުވަތަ އެކި ގޮތްގޮތުން ޑޮލަރު ހޯދައިގެން ވެސް އެފަދަ ފަރާތްތަކުން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރާއްޖޭގައި އާންމުކޮށް އެތައް ސަތޭކަ ބަޔަކު ހިމެނޭ ވައިބާ ގްރޫޕްތަކާއި، ވަޓްސް އެޕް ގްރޫޕްތަކުގައި ޑޮލަރުގެ ކަޅުބާޒާރެއް އުފައްދައި ޑޮލަރުގެ އަގު އަރުވައި އޭގެ ބޮޑު އަގުގައި ޑޮލަރު ވިއްކައި އެކަމުގެ ނާޖައިޒް ފައިދާ ދިޔައީ ނަގަމުންނެވެ.

ފާޅުކަން ބޮޑު ގޮތެއްގައި ކުރަމުން ގެންދިޔަ ޑޮލަރުގެ މި ވަގު ވިޔަފާރީގައި އުޅެނީ ކޮންބައެއް ކަމާއި، އެކަން އާންމުކޮށް ކުރަނީ ކޮންބައެއްކަންވެސް އެނގޭގޮތަށް ޕަބްލިކް ފޯރަމްތަކުގައި މިހާ ހާމަކަންބޮޑުކޮށް ޤާނޫނާއި ޚިލާފު އަމަލެއް ހިންގަމުން ދާއިރު މިކަން ހުއްޓުވޭ ތަނެއް ނުފެއެވެ. ފަސޭހައިން ޑޮލަރު ލިބެން ހުރި ތިން ހަތަރު މީހަކުވެގެން ވަގުތުގެ ބޭނުންކޮށް ޑޮލަރު ވިއްކައިގެން މިއަދު އެތިބީ ހަމަ ރަނގަޅަށްވެސް މުއްސަދިވެފައެވެ. އެމީހުން ކުރި ކަމަކީ ފަތުރުވެރިކަން ހުއްޓުނު ދަނޑިވަޅު ބަލާފައި ޑޮލަރުގެ އަގު ބޮޑުކުރާން އުޅޭކަމަށް ބުނެ، އަދި ޑޮލަރު ނުލިބޭނެ ކަމަށް ބުނެ ގްރޫޕްތައް ހަދައިގެން ވާހަކަތައް ފެތުރީއެވެ. މިދެންނެވި ގްރޫޕްތަކުގެ މެދުގައި ޑޮލަރުގެ މުއާމަލާތް އަގުބޮޑުކޮށް ކުރާ ކަމަށް ދައްކައިގެން އާންމުން ބިރުގަންނަވައިގެން ޑޮލަރު ނުލިބޭނެ ކަމަށް ދައްކައިގެން އާންމު ރައްޔިތުން ލައްވާ ބޮޑު އަގުގައި ޑޮލަރު ގަނުވީއެވެ. އާންމުންގެ ގިނަ ބަޔަކު އެމީހުން މި ކެހިވެރި ދަލުގައި ޖެހިގެން އަގު ބޮޑުކޮށް ޑޮލަރު ކަނެ ފޮރުވާން ފެށުމުން އެމީހުންގެ ވިޔަފާރި ވެސް ފުޅާ ވީއެވެ.



މިހާހިސާބުން އުފެދޭ ސުވާލަކީ ކޯވިޑްގެ މިހާލަތުގައި އާންމު ރައްޔިތުން އެހާވަރަށް ޑޮލަރަށް ބޭނުންވެދާނެ ކަމާމެދު އުފެދޭ ސުވާލެވެ. ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމުގެ ފުރުސަތު އޮތީ ގާތްގަނޑަކަށް ބަންދު ވެފައެވެ. ޒަރޫރީ ހާލަތެއްގައި ނޫނީ ބޭރަކަށް ނުދެވެއެވެ. ހައްޖުގެ އަޅުކަމާއި އުމުރާގެ އަޅުކަން އޮތީ ވަގުތީ ގޮތުން ހުއްޓިފައެވެ. ދެން އޮތީ ރާއްޖެއިން ބޭރުގައި ތިބި ކިޔަވާ ކުދިންގެ ފީތަކާއި އެހެނިހެން ޚަރަދު ތަކެވެ. ބީއެމްއެލްއިން ވަނީ އެމަގު ފަހިކޮށްދީފައެވެ. ދެން އޮތީ ވިޔަފާރިއަށް މުދާ އެތެރެކުރާ ވާހަކައެވެ. އެކަން އޮތީ ސަރުކާރުން ހަމަޖައްސައި ދީފައެވެ. މިއަދު ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ބާވަތްތައް ނޫނީ އާންމުކޮށް އެތެރެއެއް ނުކުރެއެވެ. އެހެންވީމާ މިއަދު ޑޮލަރުގެ ތިޔަބުނާ ޑިމާންޑެއް އެބައޮތް ހެއްޔެވެ؟ ހަގީގަތުގައި ވެސް މިފަހަރު އެއީ ބަޔަކު ނާޖާއިޒު ފައިދާ އެއް ނަގަން ވެގެން އުފެއްދި ޑިމާންޑެކެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެއްދުމަށް މަސައްކަތް ކުރި މީހުންނަށް ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަކީ އެމްއެމްއޭއިން ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށް ރޭޓުގައި ޑޮލަރުގެ އަގު ހިފެހެއްޓުމެވެ. މިއާއިއެކު އެއްކަލަ އަގުބޮޑުކޮށް ޑޮލަރު ވިއްކަމުންދިޔަ ފަރާތްތަކުގެ ޑިމާންޑް ވެއްޓި އެމީހުންގެ ރުޅިވެރިކަން އިތުރުވެ، އެމީހުންގެ ވިޔަފާރިއަށް އަސަރު ނުކުރާނޭ ގޮތަކަށް އެމްއެމްއޭއިންވެސް ކަންތައް ކުރުމަށް މިފަދަ ގްރޫޕްތަކުގައި ދިޔައީ ޝުއޫރު ފާޅުކުރަމުންނެވެ.

ޑޮލަރު ބޮޑު އަގުގައި ވިއްކައި އޭގެ ފައިދާ ނެގުމަކީ ޤާނޫނީ ގޮތުންވެސް ބޮޑު ކުށަކަށްވާއިރު ކަމާއި ބެހޭ ފަރާތްތަކުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އޮތް އިހުމާލުވެސް ކުޑައެއްނޫނެވެ. މިފަދަ އަމަލުތައް ހިންގާ މީހުން ހުއްޓުވުމަކީ ޤާނޫނު ތަންފީޒު ކުރާ މީހުންގެ މައްޗަށް ލާޒިމް ކަމެކެވެ. ނަމަވެސް ފެނިގެންދަނީ ޤާނޫނަށް އަރައިގަނެ މިބޮޑު ވައްކަން ކުރުމަށް އެމީހުންނަށް ފުރުސަތު ތަންމިނަށް ހުޅުވައިދީގެން ގާނޫނު ތަންފީޒުކުރާ ފަރާތްތައް އަނގަމައްޗަށް ޖަހައިގެން ތިބި މަންޒަރެވެ.



ދިވެހިންނަކީ ޤާނޫނުތަކަށް ކިޔަމަންވާ ޤާނޫނީ ފިޔަވަޅު އަޅައި، ޖޫރިމަނާ ކުރާނަމަ އެކަމަށް ޖެހިލުންވާ ބައެއްކަން މިހާތަނަށްވެސް މިވެރިކަމުގައި އަޅާފައިވާ ފިޔަވަޅުތަކުންވެސް ހާމަވެއެވެ. ޓެކްސީ ދަތުރުތަކުން ނަގާފީ ބޮޑުކުރަން ޓެކްސީ ޑްރައިވަރުން ހުއްޓާނުލާ ކުރިމަަސައްކަތާއި، ހެލްމެޓް އަޅަން ދެކޮޅު ހެދުމަށް ކުރި މަސައްކަތާއި، ސައިކަލުގައި ލޯގަނޑު ހަރުހުކުރަން އެޅި ހަރުކަށި ފިޔަވަޅުތަކާއިއެކު އެކަންކަން ނުކުރަން ދެއްކި ބަހަނާތައް ހުއްޓި މިއަދު މިކަންކަން ދަނީ ތަންފީޒު ކުރެވެމުންނެއެވެ. ބަޔަކު އެކަމަށް ދެކޮޅު ހަދައި ގަދަ ދައްކަން އުޅުނު ނަމަވެސް އެކަންއެކަން ތަންފީޒު ކުރީމާ އެއޮތީ ތަންފީޒުކުރެވިފައެވެ.

ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނުކިޔަމަންވާ މީހުން ވެސް ވަގުތުން ޖޫރިމަނާކޮށް ހައްޔަރުވެސް ކުރަނީއެވެ. ނުބައި ތަނެއްގައި ސައިކަލް ޕާކް ކުރީމާ ސްޓިކާ ޖަހައިގެން އެތަން މިލިއަން ރުފިޔާއެއް މަހެއްގެ މައްޗަށް ފުލުހުން އެހެރަ ނަގަމުންދަނީއެވެ. ޓޯކޮށްގެން ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާވެސް ވަކި މަދެއް ނޫނެވެ. ނުވިތާކަށް ގޭތެރޭގައި ހުއްޓާ ވެސް ސައިކަލު ހޯދައިގެން ގޮސް މިހާރު އެއޮށްގެން ސްޓިކާ ޖަހާ ނަގަނީއެވެ. ހަމަ ގައިމުވެސް ހުއްދަ ނުނަގާ ދިވެއްސަކަށް ވިޔަފާރިއެއް ނުކުރެވެއެވެ. ބޭނުންވީމާ ގޮސް މަގުމަތީގައި ނިދާވެސް ނުހެދެއެވެ. މުޒާހަރާ ކުރީމާ ފުލުހަށް ގެންގޮސް ގެން ވެސް ޖޫރިމަނާ ކުރެވެއެވެ. މުޒާހަރާ ކުރީމާ ބޮޑެތި އަދަދު ތަކުން ޕާޓީތައް ވެސް ޖޫރިމަނާ ކުރެވެއެވެ.

އެކަމަކު ފާޅުގައި އިޢުލާން ކޮށްގެން ވައިބަރ ގްރޫޕްތައް ހަދައިގެން ޑޮލަރު ވިއްކާއިރު ގާނޫނު ތަންފީޒު ކުރާ ފަރާތްތައް ތިބެނީ ހަމަ ހެވިފައި ބަލަހައްޓައިގެންނެވެ. މިކަންކަން ނުހުއްޓުވައި މިހާ ފާޅުކަން ބޮޑުގޮތެއްގައި ކުެރެވެނީ މިދެންނެވި ގާނޫނު ތަންފީޒުކުރާ މީހުން އެ ވިޔަފާރީގެ ތެރޭގައި އުޅޭތީ ކަމަށް މިހާރު ޝައްކު ކުރާ މީހުންވެސް މަދެއް ނޫނެވެ. ބުނެވޭ ގޮތުގައި އެފަދަ ގްރޫޕް ތަކުގައި ވަގު އައިޑީތަކުގައި އެފަދަ ބައެއް މީހުން ވެސް ވިޔަފާރިކޮށް ހަދައެވެ. އެހެން ނޫނީ އެކަން ނުހުއްޓުވަންވީ ނުވަތަ ނުހުއްޓުވެންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ. ގްރޫޕް ތަކުގައި އެހެރީ ހާމަކަން ބޮޑު ގޮތެއްގައި އެއީ ކޮންބައެއްކަން އެނގޭށެވެ. އޭޓީއެމްތައް ކައިރީގައި އެކަން ކުރާ މީހުންވެސް ހޯދޭނެއެވެ. އަބަދަކު އެތާ ހުންނަ ސީސީޓީވީ ކެމެރާއަށް ނާރައެއް ވެސް އެމީހުންނަކަށް ނޫޅެވޭނެއެވެ. އެކަމަކު އޭޓީއެމްތައް ދޮށުގައި ޑޮލަރުގެ ކަޅުބާޒާރު ހެސްކިޔާފައި އެހެރެގެން ހިންގަނީއެވެ. އެކަމުގައި ގިނައިން އުޅެނީ ވެސް ބިދޭސީންކަމަށް ވެއެވެ.



އެހެންވީމާ ޑޮލަރުގެ ވަގު ވިޔަފާރި ކުރަނީ ގާނޫނު ތަންފީޒުކުރާ މީހުންނަށް ނޭނގި ވަގަށޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އަދި އެކަން ކުރަނީ ތިމަންނާމެންނަށް ނޭނގިއޭ ބުނެ އެކަމުގައި ބަހަނާ ދެއްކިޔަސް ގަބޫލެއް ނުކުރެވޭނެއެވެ. ޑޮލަރުގެ ކަޅު ބާޒާރު އުފައްދައިގެން އުޅެނީ ކޮންބައެއްކަން އެގޭއިރު އޭގެ ތެރެއިން އެންމެ މީހަކު ބޮޑު އަދަދަކުން ޖޫރިމަނާކޮށް އެކަން އިޢުލާން ކޮށްލަނިކޮށް އެކަން ހުއްޓުނީއެވެ. ނަމަވެސް އަދި މިފެންނަ މަންޒަރުތަކުން ޑޮލަރުގެ ކަޅު ބާޒާރުން މުއްސަނދިވާ މީހުންނަށް ރާއްޖޭގައި އޮތީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެފުރުސަތު ނެތް މިންވަރަށް ހުޅުވިފައިވާ ފަހި ފުރުސަތެކެވެ.


ކިޔުންތެރިންގެ ހިޔާލު


17

ޚެޔަަ

19-Sep-2020

އެމީހަކު އަތުގަ ހުރިއެއްޗެއް އެމީހަކު ބޭނުން އަގެއްގަ ދެވިދާނެ. ބޭނުން ނޫން މީހަކު ނުހޯދީމަ އެނިމުނީ.



ޓްރެންޑިން