ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކާ، ވަޒީފާ އަދާކުރެވޭނެ ޖާގައެއް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭންފަށާ 'އެމްޕަވަމަންޓް ހަބް' އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކުވެސް މަޝްވަރާކުރެވިގެން ތައްޔާރުކުރެވިފައިވާ ތަނެއްކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވީ ފަހިދިރިއުޅުން ކޯޕަރޭޝަން އަދި ޒަކާތު ފަންޑު ގުޅިގެން ތައްޔާރުކުރެވޭ އެމްޕަވަމަންޓް ހަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ތައްޔާރުކުރެވޭތަނެއް ކަމުގައެވެ.

އެތަނުގައި ކުރިއަށް ގެންދެވޭނެ ތަފާތު ޕްރޮގްރާމްތައްވެސް ވެގެންދާނީ މި މަސައްކަތްތަކުގައި އަމަލީގޮތުން ޝާމިލުވެ އުޅޭ ޖަމުޢިއްޔާތަކާއެކު މަޝްވަރާކުރެވިގެން ކުރިއަށްދާ ޕްރޮގްރާމްތަކެއްކަމުގައި ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވިއެވެ.

އެގޮތުން އެ މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުން ވަރަށް ގާތުން މަސައްކަތްކުރާކަމާއި، ޑިޒައިންއާއި ޚިދުމަތްތަކަށް ބަދަލުތައް ގެނެސްފައިވާނީ އެބޭފުޅުންގެ ޚިޔާލާއި އެކުގައިކަން އާތިފް ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އިން ބުނީ ހުޅުމާލެ ފޭސް 2 ގައި ހުޅުވާ މި ހަބްގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް، އާންމުންނަށް ވިއްކުމަށް ހުޅުވޭ ފިހާރައެއްވެސް ހިމެނޭކަމަށެވެ.

އަދި ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްޤީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް، ތިން ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން، ހަބްގައި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމެއް ހުންނާނެކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް