އަބަދު މާޒީގައި ހިފަހައްޓައިގެން ހުންނެވެން ނެތްކަމަށް ވިދާޅުވެ ރައީސް މައުމޫނަށް ރައީސް ނަޝީދު ކުރެއްވި މަޢާފް އަނބުރައި ގެންދަވައި މާޒީން ބަދަލު ހިއްޕަވަން ބޭނުންވާކަމުގެ އިޝާރާތެއް ރައީސް ނަޝީދު މިއަދު މިވަނީ ކުރަށްވަން ފަށްޓަވާފައެވެ. އެކި ފަރާތްތަކުން މިކަން ސިފަކުރައްވަނީ އެކި ގޮތަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އުނަގަނޑުގެ އޮޕަރޭޝަނަކަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް މިވެރިކަން ފެށުމާއި ހަމަޔަށް އެޤައުމުގެ ހިމާޔަތުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިދާޅުވީ މައުމޫނާ އެކު އޮތް ނުތަނަވަސްކަން ނައްތައިލައްވަން ބޭނުންފުޅުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މާޒީގައި ހިފަހައްޓައިގެން ހުރެ މުސްތަގުބަލެއް ބިނާ ނުކުރެވޭނެ ކަމަށެވެ.

"ކިހިނެއްތޯ މުސްތަގުބަލެއް ބިނާ ކުރާނީ، އަބަދު މާޒީގައި ހިފަހައްޓައިގެން ހުރެގެން، އަޅުގަނޑު ރައީސް މައުމޫނަށް މަޢާފް ކޮށްފިން." ރައީސް ނަޝީދު 2016 ވަނަ އަހަރު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަތަކާއިއެކު ގިނަބަޔަކު އުންމީދުކުރީ ޒަމާނުއްސުރެ ރައީސް މައުމޫނާއި، ރައީސް ނަޝީދުގެ ދޭތެރޭގައި އޮތް ޒާތީ ހަސަދަވެރިކަމަށް ނިމުމެއް އައީކަމަށެވެ. ނަމަވެސް އޭރުވެސް ސިޔާސީ ބައެއް ފަރާތްތަކުން ގެންދެވީ ރައީސް ނަޝީދު، ރައީސް މައުމޫންގެ ކިބައިން ބަދަލު ހިއްޕަވަން ނުކުންނަވާނެ ދުވަހެއް އަންނާނެކަމަށް ވިދާޅުވަމުންނެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ލުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކި ފަހަރު މަތީން ކުރެއްވި މަސައްކަތް ވަނީ އޭރު ކާމިޔާބް ނުވެފައެވެ.

ރައީސް ނަޝީދު މައުމޫނަށް މަޢާފް ކުރެއްވުމަށްފަހު މީގެ 17 އަހަރު ކުރިން ރައީސް މައުމޫންގެ ވެރިކަމުގައި، 2003 ވަނަ އަހަރުގެ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުން ހަނދާނަށް ގެންނަވައި ރައީސް ނަޝީދުވަނީ މައުމޫނަށް ހޫނު ރައްދެއް ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ރައީސް މައުމޫންގެ ވެރިކަމާއި، އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން ނުކުމެ އެންމެ ބޮޑު މަސައްކަތެއް ފެށި ދުވަސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިއްޔެއަކީ ޖަލުގައި އީވާން ނަސީމު މަރާލައި އެ އަނިޔާއާއި ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވި ދުވަސްކަމަށެވެ. ރައީސް މައުމުންގެ އަނިޔާވެރިކަން އިންތިހާއަށް ގޮސް ރައްޔިތުން އެ އަނިޔާއާއި ދެކޮޅަށް ނުކުތް ތާރީހީ ދުވަހަކީ ސެޕްޓެމްބަރު 19 ވަނަ ދުވަސް ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅައި ގޮސްފިކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް. އަނިޔާއާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލު ކުރުމަށް ނިންމަން ނުކުތް ދުވަސް. ޖަލުގައި އީވާން ނަސީމް ގައިގައި ތަޅާމަރާލި ދުވަސް. މާތް ﷲ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާށި." ރައީސް ނަޝީދު ވިދާޅު ވިއެވެ.

ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން އެމްޑީޕީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެމްޑީޕީގެ ބަޔާނުގައިވެސް މިކަން ކުއްވެރިކޮށް މިމައްސަލަތައް އަލުން ބެލެންޖެހޭކަމަށް ވިދާޅުވެ ނަޝީދުވެ ވާހަތަކަށް ވަނީ ތާއީދު ކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ ރައީސް ނަޝީދަށް ޤައުމުގެ ވެރިކަން ލިބިވަޑައިގެން މައްސަލަތައް ނުބައްލަވައި މިއަދު މިވާހަތައް ދައްކަވަނީ އެހެން ބޭނުމެއްގައި ކަމަށެވެ.

ރައީސް މައުމޫނަށް މަޢާފްކޮށް ވެރިކަމަށް އައުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައާއި، ވެރިކަން ލިބުމަށްފަހު ފާއިތުވެދިޔަ ދުވަސްތަކުގައި ރައީސް މައުމޫނާއި ނަޝީދު އެކީގައި ސެލްފީ ނެންގެވުމާއި ސަކަމަޖާކޮށް ރައްޔިތުންގެ ކުރިމަތީގައި ދެއްކެވި މަންޒަރުތަކަކީ ހިތްސާފުވެގެން ފެނިގެންދިޔަ މަންޒަރުތަކެއް ނޫންކަމަށް މިއަދު ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި އެއީ ސިޔާސީ މަންފާއާއި އަމިއްލަ މަސްލަހަތައްޓަކައި ކުރެއްވި ކަންތައްތަކެއްކަމަށް މިއަދު ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވަނީ ނަޝީދުގެ މިވާހަތަކުގެ މަގުސަދަކީ ރައްޔިތުންގެ ސަމާލުކަން ހޯއްދަވައި، މިހާރުއޮތް ކޯލިޝަން ރޫޅާލުމެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރާ މަސައްކަތަށް އޮތް ހުރަހަކީވެސް، ރައީސް ނަޝީދުގެ ރުޅިވެރިކަން މިދުވަސްވަރު އިތުވެގެންދާ ކަމެއްކަމަށް ދަނީ ބުނަމުންނެވެ. އެމްޑީޕީގެ ބާރާއި ނުފޫޒު އޮތް ވެރިކަމެއް މިއަދުވެސް އޮތް އިރު އަނިޔާގެ ވާހަކަ ދެއްކުން ފިޔަވައި ކުރެވޭ އެއްވެސް ކަމެއް ނެތްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ގޮތް ނޭގޭ ގޮތަށް ގެއްލިފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ ގިނަ ވައުދުތަކާއިއެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ފަރާތުން މިއަދު އެއިން އެއްވެސް ކަމަކަށް އިންސާފެއް ނުލިބޭތަނުގައި މީގެ އެތައް އަހަރެއް ކުރީގެ މައްސަލަތައް ނަގައި ފެންމަތި ކުރަނީ ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށްޓަކާ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


17

މުނާޒު

24-Sep-2020

ރައީސް ނަސީދު އަކީ ކާކުކަން ދިވެހިންނަށް އޮޅެނީކީ ނޫން. މައުމޫނަކަސް އަދި ގާސިމް އިމްރާނު އިލިޔާސް ޒައިދު ކަހަލަ މީހުންނަކީ އަމިއްލައެދުމަށް ޓަކާ ދީނާއި ގައުމު ވިއްކާ އަމިއްލަ ދިރިއުޅުން އާރާސްތު ކުރާބައެއް. ނަސީދުބޭނުންވާ ގޮތެއް މިބައިމީހުން ހަދާނެ. ރަށްޔިތުން ނަށް ހުރިހާނިކަމެތިކަމެއް.


12

ދެބޯގެރި

22-Sep-2020

މިކަމުން ވެސް ދޭހަވީ ކެއޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުމެއް ނެތްކަން, ކަރުގާރިއްސައިގަތީމާ އަނެއްކާވެސް ދުއްވައިގަންނާނެ ފެންކައްކާ ބޮލި ހޯދަން.


11

ޒާމިލް

22-Sep-2020

ރައީސް ނަޝީދު އަކީ ހަމަ ވަރަށް ނުބައި ނުލަފާ މީހެއް. އޭނާ މާފުދީގެންހުރެ އަމިއްްލަ ދަރި ލައްވާ ޓުވިޓާގަ މައުމޫނަށް ނުގޮވާކައެއްޗެއްނެތް. ނަޝީދުއަކީ ވެރިކަންކޮށްފަ ހުރިމީހެއް .. އޭނަޔަށް އަމިއްލަ ދަރި ހުއްޓުވޭނެ. އެއީ އޭނަ ގަސްތުގަ ކުރުވާކަމެއް. ވަރަށް ސާފު


7

މަނިކު

22-Sep-2020

މިހާރު ނަސީދު ތެޅިބާލަނީ ދިވެހި ރައްޔަތުންގެ ތާއީދު ގެއްލެމުން ދާލެއްބޮޑުކަމުން އެތާއީދު އަނބުރާހޯދުމައްޓަކާ ނަމަވެސް ދެނެއް އެކަން ކާމިޔާބެއް ނުވާނެ ނަސީދަކައް


2

މަނިކު

22-Sep-2020

މިހާރު ނަސީދު ތެޅިބާލަނީ ދިވެހި ރައްޔަތުންގެ ތާއީދު ގެއްލެމުން ދާލެއްބޮޑުކަމުން އެތާއީދު އަނބުރާހޯދުމައްޓަކާ ނަމަވެސް ދެނެއް އެކަން ކާމިޔާބެއް ނުވާނެ ނަސީދަކައް


21

އައި

22-Sep-2020

ބަޅެއްގެ ނަގޫ ސަންޕާ އޮނަކަށް ލިޔަސް ތެދު ނުވާނެ..



ޓްރެންޑިން