ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
ޕާކިސްތާނަށް ކުރިމަތިވެފައިވާ ބޯ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނުގެ ރައީސަށާއި، ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޕާކިސްތާނަށް ކުރިމަތިވެފައިވާ މި މޫސުމީ ކާރިސާތަކުގައި މިހާތަނަށް 344 މީހުން މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބި، ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށް އެގައުމުގެ އިމަޖެންސީ އިދާރާތަކުން މައުލޫމާތު ދެއެވެ.

ޕާކިސްތާނުގެ ސަލާމަތީ އަދި އިމަޖެންސީ އިދާރާތަކުން ދަނީ ހާލުގައި ޖެހިފައިވާ ރައްޔިތުން ސަލާމަތްކޮށް، އެ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޕާކިސްތާނަށް ކުރިމަތިވި މޫސުމީ ކާރިސާގެ ސަބަބުން ބޯކޮށް ވާރޭވެހި ފެމްބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، މި ހާދިސާގައި ޢާއިލާގެ މެންބަރުން ގެއްލުނު ފަރާތްތަކަށާއި، މި ކާރިސާގެ ސަބަބުން އަސަރުކުރި އެންމެހައި ފަރާތްތަކަށް އަޅުގަނޑުމެންގެ އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަން." ރައީސް ވިދާޅުވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ ވަނީ ޕާކިސްތާނުގެ ސަރުކާރާއި، އެގައުމުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު