ބޮޑުތަކުރުފާނުމަގު ފުޅާ ކުރާ މަޝްރޫއުގެ ކުރެހުމެއް
ބޮޑުތަކުރުފާނުމަގު ފުޅާ ކުރާ މަޝްރޫއުގެ ކުރެހުމެއް
މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ސަރަހައްދުގެ ޓްރެފިކް ރޫޓަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަންސްޓްރަކްޗާ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ފޭސްބޫކްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ބޮޑުތަކުރުފާނު މަގު 4 ލޭނު މަގަކަށް ފުޅާކުރުމުގެ އަމަލީ މަސައްކަތް ފެއްޓުމަށް ތައްޔާރުވަމުންދާތީ ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެހެންކަމުން އެ ދިމާ ފަޅުތެރެ އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައެވެ.

އޭގެ އިތުރުން މާލެ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި، ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި 18 އޯގަސްޓް 2025 އިން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކޮށްފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.

މި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ފޭސްބޫކްގައިވަނީ އެ މަގު ހަދާގޮތުގެ ބައެއް ކުރެހުންތައް ވެސް ހިއްސާ ކުރައްވާފައެވެ.

އަދި ވަނީ އެ މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އާންމު ރައްޔިތުން އެކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް