ކިޑްނީ-
ކިޑްނީ-
އިންސާނާގެ ކިޑްނީއަކީ ލޭ ސާފުކޮށް ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ގުނަވަނެކެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ލޭމަތިވުން ފަދަ ދާއިމީ ބަލިތަކުގެ ސަބަބުން ކިޑްނީ އަށް ބާރުބޮޑުވެ، ކްރޮނިކް ކިޑްނީ ޑިޒީޒް ޖެހޭގޮތް މެދުވެރިވެއެވެ. އެހެންކަމުން ކްރޮނިކް ކިޑްނީ ޑިޒީޒް ހުންނަ ނަމަ ކެއިން ބުއިމަށް ސަމާލުކަން ދިނުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

ކްރޮނިކް ކިޑްނީ ޑިޒީޒް ހުންނަ ނަމަ ފެން ބޭނުން ކުރާ މިންވަރަށް ސަމާލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އާންމު ގޮތެއްގައި އަބަދުވެސް އިންޓަނެޓުން ފެންނަނީ ކިޑްނީ ބަލިތަކުން ދުރުވުމަށް ގިނައިން ފެންބޯން ލަފާދޭތަނެވެ. އެހެންނަމަވެސް މިއީ ކުށްހީއެކެވެ. މީހާގެ ކިޑްނީގެ މަސައްކަތް ދައްވާ ވަރަކަށް ފެން ނެރެން އުނދަގޫވެއެވެ. މީގެ ސަބަބުން 'ވޯޓާ ރިޓެންޝަން' މެދުވެރިވެ ހަށިގަނޑު ދުޅަވުމަށް މެދުވެރިވެއެވެ.

ކްރޮނިކް ކިޑްނީ ޑިޒީޒް ތަހައްމަލު ކުރަމުންދާނަމަ ލޮނު ބޭނުންކުރާއިރުވެސް ސަމާލުވާން ޖެހެއެވެ. މާ ގިނައިން ލޮނު ބޭނުން ކުރާނަމަ އޭގެ ސަބަބުން ލޭގެ ޕްރެޝަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ކިޑްނީ ފެއިލްވެ، ހިތުގެ މައްސަލަތައް ދިމާވެ، ވާގި ދޫވުން ފަދަ މައްސަލަތައްވެސް ދިމާވެއެވެ.

ކްރޮނިކް ކިޑްނީ ޑިޒީޒް ތަހައްމަލު ކުރަމުންދާނަމަ ޕޮޓޭސިއަމް ގިނައިން ހުންނަ މޭވާގެ ބާވަތްތައް ބޭނުން ކުރުމަކީވެސް އެހާ ރަނގަޅު ކަމެއް ނޫނެވެ. ކިޑްނީ ބަލި ހުންނަ މީހުންގެ ލޭގައި ޕޮޓޭސިއަމް ގިނަވާނަމަ އޭގެ ސަބަބުން މީހާގެ މަސްތަކުގެ މަސައްކަތްތަކަށް އަސަރު ކުރެއެވެ. އަދި ހިތުގެ ސިއްހަތަށްވެސް އަސަރުކުރެއެވެ.

ވީމާ ދާއިމީ ކިޑްނީ ބަލިތައް ތަހައްމަލު ކުރަމުންދާނަމަ މިކަންކަމަށް ސަމާލުވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް