ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ކޮންމެ ޙައްޤަކަށްވެސް އިމެއް ކަނޑައެޅިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތިމާގެ ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އެކަކަށް ވެސް އޮތް މިނިވަންކަމެއް ނޫން ކަމަށެވެ. އެގޮތުން ކޮންމެ ޙައްޤަކަށްވެސް އިމެއް ކަނޑައެޅިފައިވާކަން ރައީސް މިއަދު ވަނީ ހަނދާން ކޮށްދެއްވާފައެވެ.

“ކޮންމެ ވާހަކައެއް ބުނުމުގެ، ލިޔުމުގެ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރޭގަ އޮންނާނެ ކަމެއް. ތިމަންނަ ކުރަންވާ ކަންކަމުގެ މިނިވަންކަމަކީ، ހައްގުތަކަކީ ވަކި ހުދޫދެއްގެ ތެރޭގައި އޮންނަ ކަމެއް. ކޮންމެ ރައިޓެއް ލިމިޓޭޝަން ތަކަކާއި އެކީގަ އޮތީ.” ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހަމައެއާއެކު ރައީސް މިއަދު ވިދާޅުވީ، ތިމާއަށް އަބުރަކާއި އިއްޒަތެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް އަބުރާއި އިއްޒަތް ލިބިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ހިތާއި ދޫ ރައްކާތެރި ކުރުމަކީ ކޮންމެ މުސްލިމަކަށް އޮތް ވާޖިބެއް ކަމަށާއި، ގައުމަށް މުސްތަގުބަލު އޮތީ އެމަގުން އެކަން ކޮށްގެންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

“ތިމާގެ ހައްގުތައް، އަނެކާގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން އެބަ ލިމިޓުވޭ.” ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު ފެންނަނީ އަނެކާއަށް ބެލުމެއް ނެތި އަމިއްލަ އެދުމާއިގެން ކުރިއަށްދާ މަންޒަރު ކަމަށާއި އެއީ ދިވެހިވަންތަ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ރައީސް ވަނީ މި ޤައުމުގައި ފެތުރެމުންދާ ނުބައި އޮއިވަރުތައް ހުއްޓުވުމަށް ދިވެހިން ގުޅިގެން މަސައްކަތް ކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު