ރައީސް މުއިއްޒު ނޭކުރެންދޫ ކައުންސިލާއި ބައްދަލުކުރެއްވުން-
ރައީސް މުއިއްޒު ނޭކުރެންދޫ ކައުންސިލާއި ބައްދަލުކުރެއްވުން-
ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް ނިންމައި އެކަމަށް ކަނޑައެޅި ބިން، އަނބުރާ ރަށު ކައުންސިލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްފިއެވެ.

މިކަން ރައީސް އިއުލާންކުރެއްވީ ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ނޭކުރެންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަގަފުޅިގެ ތެރެއިންނެވެ. އެގޮތުން ރައީސް ވިދާޅުވީ ރަށުގެ އިގުތިސޯދީ މަންފާއަށް އެ ބިން ބޭނުންކުރުމުގެ ގޮތުން ކައުންސިލުން ހުށަހަޅާ ހުށަހެޅުންތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ނޭކުރެންދޫ ބަނދަރަށް 100 ފޫޓު އިތުރުކުރުމަކީ އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެ ބަނދަރަށް 100 ފޫޓު އިތުރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ސޮއިކުރި ސްވިމިން ޕޫލުގެ މަސައްކަތާއި، ދޯނި އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތެއްގެ އިތުރުން މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަޝްރޫއާއެކު ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނޭކުރެންދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދޭނެ ކަމަށާއި މިއަހަރު އެ މަޝްރޫއު ކުރިއަށް ނުގެންދެވެނީ ބަނދަރުގެ މަޝްރޫއަށް އިސްކަން ދޭން ޖެހުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސްކޫލު ތަރައްގީކުރުމުގެ މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި މިއަހަރުގެ ނިޔަލަށް އެ މަސައްކަތް ސަރުކާރުން ނިންމައިދޭނެކަމަށެވެ. އަދި ސްކޫލުގެ މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ އަހަރުގެ ކުރީކޮޅު ފަށައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ނޭކުރެންދޫގައި މިހާރު ހަދަން ފަށައިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ބެޓްމިންޓަން ކޯޓެއް ހަދައިދޭނެ ކަމަށެވެ.

އަދި ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅައިފައިވީ ނަމަވެސް ވަށާފާރު އަދި ލައިޓު ހަރުކޮށްފައި ނެތްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ރަށުގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނައި، ފެންސު ހަރުކޮށް، ލައިޓު ހަރުކޮށްދޭނެ ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމެއްވެސް ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު