ކޮމިއުނިކޭޝަން މިނިސްޓަރ ޚަލީލް
ކޮމިއުނިކޭޝަން މިނިސްޓަރ ޚަލީލް
އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ނޫސްވެރިން އުލުބައިންދަން ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް ގޮވާލި ނަމަވެސް އެކަން ކުށްވެރި ކުރުމަށް ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލު ދެކޮޅު ހައްދަވައިފިއެވެ.

ސަރުކާރުން ފަހަތުގައި އޮވެގެން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލާގައި، ރައީސް އޮފީހުގެ ބޭރުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރަށްވައި މީޑިއާގައި ކުރިން މަސައްކަތް ކުރެއްވި އަދި މިހާރުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލު ވަނީ ފަލާހްގެ ވާހަކަތަކާމެދު އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވައި އެކަމުން ރެކެވަޑައިގެންފައެވެ.

ނަމަވެސް އެއްވެސް ރައްޔިތަކާމެދު ބޭއިންސާފުން ވާހަކަ ދެއްކުމަކީ ގަބޫލުކުރަށްވާ ކަމެއް ނޫން ކަމަށް ޚަލީލް ވިދާޅުވިއެވެ.

“އެތާނގައި ދެއްކި ވާހަކައަކަށް އަޅުގަނޑު އެއްޗެއް ބުނާކަށް ނެތީމޭ.” ޚަލީލް ވިދާޅުވިއެވެ.

ޚަލީލުގެ އިތުރުން ކުރީގެ ނޫސްވެރިޔާ އަދި މިހާރުގެ ޒުވާނުންގެ ވަޒީރު އިބްރާހީމް ވަހީދު، އަސްވާޑުވެސް މިއަދު ވިދާޅުވީ، ފަލާޙް ދެއްކެވި ވާހަކަތަކުގެ މައްސަލާގައި ޖަވާބު ދެއްވަން ޕާޓީ ތެރެއިން ބޭފުޅުން ހަމަޖައްސާފައި ތިބޭނެ ކަމަށާއި އެ ވާހަކަ ދެއްކީ އަސްވާޑު ނޫން ކަމަށެވެ.

އޭގެއިތުރުން މިއަދުގެ ބައްދަލުވުމުގައި ޚަލީލު ވިދާޅުވީ މީޑިއާ ބިލުގައި ވަރަށް ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަންވެސް އެބަހުރި ކަމަށެވެ. އަދި މީޑިއާ ކޮންޓްރޯލްކޮށް، ތަޅުއަޅުވައި، އެއްވެސް ހަނިކަމެއް ގެންނާނެ ބިލަކަށް މި ސަރުކާރުން ތާއީދު ނުކުރާނެ ކަމަށާއި، ބިލު އަނބުރާ ގެންދިއުމާމެދު އެއްޗެއް ވިދާޅުވެވެން ނެތް ކަމަށްވެސް ޚަލީލު މިއަދު ވިދާޅުވިއެވެ.

އިއްޔެ ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު ވިދާޅުވީ، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި އުލުބައިދަންވީ ކަމަށެވެ. ދިވެހިބަހުގެ ރަދީފުގައި ބުނާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މެރުމަށް ހަދާ ގޮތެކެވެ. އެގޮތުން، އުލު ބައިންދާއިރު، ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދާ ކަމަށް ރަދީފުގައިވެއެވެ.

“މީޑިއާ ގެންގޮސް ޖަލަކަށް ނޫން. އުލުބައިންދަންވަނީ. އުލުބައިންދަންވީ.” ދައުރުން ބޭރުގައި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ފަލާހު ވިދާޅުވިއެވެ.

ނޫސްވެރިން އުލުބައިންދަން ފަލާޙް ގޮވާލި ވާހަކަތަކަށް ބަސް ބުނުމަށް ޚަލީލާއި އަސްވާޑު ދެކޮޅު ހަދާފައިވާއިރު، ފަލާހުގެ ވާހަކަތަކާ ދެކޮޅަށް ބަސް ވިދާޅުވި ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އިބްރާހިމް ސައީދު (ކޭޑު) މިއަދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު