ނޫސްވެރިޔާ މުހައްމަދު ޝަހުޒާން-
ނޫސްވެރިޔާ މުހައްމަދު ޝަހުޒާން-
ނޫސްވެރިކަމަށް ނުކުތީ ވަރަށް ކެރިގެން ކަމަށާއި، ކުރިމަތިކުރުވާ އެއްވެސް ފިއްތުމަކުން ފަހަތަށް ނުޖެއްސޭނެ ކަމަށް ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނެފިއެވެ.

ޝަހުޒާން މިހެން ބުނީ ކްރިމިނަލް ކޯޓުގެ 'ގެގް އޯޑަރާ' ޚިލާފުވުމާ ގުޅިގެން އިއްވި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު، މިއަދު މިނިވަންވުމުން ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

މިނިވަންވުމަށްފަހު ޝަހުޒާން ވަނީ ސަރުކާރަށާއި ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. "އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނޭ، ތިޔަހެން ޖައްސަވާ ވައި ބަޑިއަކުން އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނޭ. ތިޔަ އަދި ދުއްވާލެވުނީ ތެޔޮ ހަމެއް." ރައީސް މުއިއްޒުއަށް އަމާޒުކޮށް ޝަހުޒާން ބުންޏެވެ.

ޖަލުގައި ހޭދަކުރަންޖެހުނު ދުވަސްތަކުގެ ތަޖުރިބާ ހިއްސާކުރަމުން ޝަހުޒާން ބުނީ، އޭނާއާއި ނޫސްވެރިޔާ ލީވާން އެކަހެރިކުރީ ސީދާ ރައީސްގެ އޯޑަރަށް ކަމަށެވެ. އަދި ޖަލުގައި ތިބި ދުވަސްވަރު ކޮންމެ ރެއަކުހެން ޖަލުގެ އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި، މަރުތޭލާއި، ފުއްކަށި ހިފައިގެން ގޮޅިއަށް ވަދެ، ނިދަން އޮންނަ އަށްޓާއި ފާރުގެ ތަންތަން ސުންނާފަތި ކުރަމުން ދިޔައީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން ކަމަށްވެސް އޭނާ ތުހުމަތު ކުރިއެވެ.

މިދިޔަ މޭ މަހުގެ 11 ވަނަ ދުވަހު މި ދެ ނޫސްވެރިންގެ މައްޗަށް ޖަލު ހުކުމް އިއްވީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު ޝަރީޢަތެއްގައެވެ. މި ޝަރީއަތުގައި ގާނޫނީ ވަކީލަކު އައްޔަނު ކުރުމަށް އެ މީހުންނަށް ދިނީ އެންމެ ދެ ގަޑިއިރެވެ.

ޝަހުޒާން މަސައްކަތްކުރާ ނިއުސް އެޖެންސީން ތައްޔާރުކުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ޑޮކިއުމެންޓަރީގެ މައްސަލާގައި ކޯޓުން 'ގެގް އޯޑަރެއް' ނެރުނީ އާދީއްތަ ދުވަހުގެ ރޭގައެވެ. ޝަހުޒާން 15 ދުވަހަށް ޖަލަށްލީ ހޯމަ ދުވަހު ރައީސް މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެން، ކޯޓު އޯޑަރާއި ހިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ކަނޑައެޅުމަށްފަހު އަންގާރަ ދުވަހުއެވެ.

ދެ ނޫސްވެރިން މިނިވަންވެފައިވާއިރު، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު