ޔަމަންގެ ވެރިރަށް ސަނާގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި، ހޫތީ ސަރުކާރުގެ ބޮޑުވަޒީރު އަހްމަދު އަލް-ރަހާވީ އަވަހާރަކޮށްލައިފިއެވެ.

ޔަމަންގެ ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު އަހްމަދު އަލް-ރަހާވީ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލުން ވެރިރަށް ސަނާ އަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ. ހޫތީން ނެރުނު ބަޔާނުގައި ބުނީ ބޮޑުވަޒީރު އަހްމަދު އަލް-ރަހާވީ އަވަހާރަކޮށްލާފައިވަނީ ސަނާގައި ދިން ހަމަލާއެއްގައި، އެހެން ބައެއް ވަޒީރުންނާ އެކު ކަމަށެވެ.

ހޫތީންގެ ބަޔާނުގައިވާ ގޮތުން އެ ހަމަލާ ދީފައިވަނީ ސަރުކާރުގެ މަސައްކަތްތަކާއި ފާއިތުވެދިޔަ އަހަރުގެ ކަންތައްތައް އިވެލުއޭޓް ކުރުމަށް ބޭއްވި އާންމު ވޯކްޝޮޕެއްގެ ތެރެއަށެވެ.

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމާ ގުޅިގެން އިސްރާއީލަށް އަމާޒުކޮށް އެންމެ ވަރުގަދަ ހަމަލާތަކެއްދޭ އެއް ބަޔަކީ ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް، ވަކި ސަރުކާރެއް ހިންގަމުން އަންނަ ހޫތީ ހަނގުރާމަވެރިން ކަން ފާހަގަކޮށްލެވެއެވެ.

ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކރް ގޮތުން، ހޫތީން އިސްރާއީލަށާއި ރަތް ކަނޑާއި ގަލްފު އޮފް އޭޑެންގައި ހަރަކާތްތެރިވާ ހުޅަނގުގެ އުޅަނދުތަކަށް ގިނަ ހަމަލާތައް ދެމުން އަންނައިރު އިސްރާއީލުން ރައްދުގައި އަންނަނީ ޔަމަނަށް ހަމަލާދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު