ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އިޤުތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ޗައިނާގެ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރި ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެސް.ސީ.އޯ ސަމިޓުގެ ހަވާސާގައެވެ.

‎މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައިވެސް މިގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، އިޤުތިޞާދީގޮތުން ދެޤައުމުގެ ގުޅުން ފުޅާކުރެއްވުމަށް މަޝްވަރާކުރައްވާފައިވެއެވެ.

‎ މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ އަހަރު ބޭއްވި ކޮޕް29 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި، ރައީސް އަލިޔޭވްއަށް ޝުކުރު އަދާކުރައްވާފައެވެ.

‎ދެ ބޭފުޅުންގެ ވާހަކަފުޅުގައި އިސްކަންދެއްވި ކަންކަމުގެ ތެރޭގައި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާއި، އިޤުތިޞާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެޤައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.

‎މި ބައްދަލުކުރެއްވުން ނިންމާލައްވަމުން ދެ ބޭފުޅުންވެސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއެކު، ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު