މަރްޔަމް ނަހްދާ ވަޙީދު   4 ސެޕްޓެމްބަރު 2025 - 9:31
ދުވަނީ-
ދުވަނީ-
ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށް، އެކަން ކޮންޓްރޯލްކުރުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ލޭގައި ހަކުރު ގިނަވެ، އެކަން ދެމިހުރެއްޖެނަމަ އޭގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ. ނަމަވެސް، ދިރިއުޅުމުގެ އާދަތަކަށް ބަދަލުތަކެއް ގެނެސް، ވަކި އުސޫލުތަކަކަށް ޢަމަލުކުރުމުން ލޭގެ ހަކުރުގެ މިންވަރު އެދެވޭ ވަރެއްގައި ބެހެއްޓޭނެއެވެ.

ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ކެއުމަށް ސަމާލުވުމެވެ. ހަކުރު ގިނައިން އެކުލެވޭ ބުއިންތަކާއި، ޕްރޮސެސްކޮށްފައި ހުންނަ ކާނާއާއި، ކާބޯހައިޑްރޭޓްސް ގިނައިން އެކުލެވޭ ކާނާ މަދުކުރަން ޖެހެއެވެ. ބަދަލުގައި، ފައިބަރު ގިނައިން އެކުލެވޭ މޭވާ، ތަރުކާރީ، ޕްރޮޓީން އަދި ފައިދާހުރި ފެޓު ހިމެނޭ ކާނާ ކެވޭތޯ ބަލަން ޖެހެއެވެ. އަދި ހަމައެއާއެކު ޕޯޝަން ކޮންޓްރޯލް ކުރުމަކީވެސް ހަކުރު ކޮންޓްރޯލު ކުރުމަށް އެހީވެދޭ ކަމެކެވެ.

އަދި ޤަވާޢިދުން ކަސްރަތު ކުރުމަކީ ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީވެދޭ ކަމެކެވެ. ކަސްރަތު ކުރުމުގެ ސަބަބުން މަސްތަކުން ހަކަތަ އުފެއްދުމަށް ގުލޫކޯޒް (ހަކުރު) ބޭނުންކުރަން ފަށައެވެ. މީގެ އިތުރުން، ކަސްރަތުގެ ސަބަބުން ހަށިގަނޑުގައި އިންސިއުލިންގެ ބޭނުން އިތުރުވެ، އިންސިއުލިން ބޭނުންކުރެވޭ މިންވަރު ރަނގަޅުވެއެވެ. މިކަމުގެ ސަބަބުން ލޭގެ ހަކުރު ދަށްވެ، އެ މިންވަރު އެދެވޭ ގޮތުގައި ހުރުމަށް އެހީތެރިވެއެވެ.

މީގެ އިތުރުން ހަކުރު ކޮންޓްރޯލުކުރުމަށްޓަކައި ލޭގައި ހަކުރު ހުންނަ މިންވަރު ގަވާއިދުން ބެލުމަކީވެސް މުހިންމު ކަމެކެވެ. ލޭގެ ހަކުރު ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ގަވާއިދުން ޓެސްޓު ހަދައި، އެ ނަތީޖާތައް ރިކޯޑުކުރަން ޖެހެއެވެ. އަދި ލިބޭ ނަތީޖާތަކަށް ބަލައި އަޅުގަނޑުމެން ކާ ގޮތަށާއި، ކަސްރަތުކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެވެއެވެ. އަދި ހަމައެއާއެކު ޑޮކްޓަރު ދެއްވާ ބޭސް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަށް ދޭ އިރުޝާދުތަކަށް ޢަމަލު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް