އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަމާޒު ހިއްޕާފައި އެހުރީ މީޑިއާތައް ހުއްޓުވުމަށްފަހު ރިޔާސީ ދައުރު ދައްމާލުމަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެެ.

މީޑިއާގެ މިނިވަންކަން ނެތިކޮށްލާ ގޮތަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލާމެދުހުރި ކަންބޮޑުވުންތައް ފާޅުކޮށް، ބިލު ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިންނާއި، ތަފާތު އެކި ޖަމިއްޔާތަކުން ދަނީ އަޑުއުފުލަމުންނެވެ.

މި ބިލާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރިޔާސީ ދައުރު ދަންމާލުގެ ބިލް ފާސްކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅުމަކުގައި ނުވެނުދާނެ ކަމަށެވެ.

"ކުރެއްވިހާ ގިނަ ވަޢުދުތައް ނުފުއްދަވާ، ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ނުކޮށްދެއްވާ، މިނެއް ނެތި ދޮގުހައްދަވަމުން އެ އުޅުއްވަނީ ރިޔާސީ ދައުރު ދައްމާލައްވަން." އިމްރާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރައީސް މުއިއްޒުގެ ހީލަތްތެރި ސިޔާސަތުގެ ދަށުން ރައްޔިތުންގެ ބާރުކަނޑުވާލުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއް ކަމަށެވެ.

މިކަންކަމުގައި ސިޔާސީ ޕާޓީތަކުން ޒިންމާ ފުރިހަމައަށް އަދާކޮށްގެންމެނުވީ މިގައުމާއި ރައްޔިތުންގެ މުސްތަޤްބަލް އަނބުރާނުހޯދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ މިކަމުގައި ގައުމަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު