އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް
އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް
ބޭރު ފައިސާ ލިބޭނެ ގޮތްތައް ހޯދުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުނި (އެސްއޯއީ) ތަކުން މިހާރު ފޯކަސް ކުރަން ޖެހޭނީ ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުޑަކުރުމަށް ކަމަށް އިނާރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

ފިރާގު މިހެން ވިދާޅުވެފައި މިވަނީ ދާދި ފަހުން އެމްޑަބްލިޔުއެސްސީން ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމާފައިވާކަން އިއުލާން ކުރުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ޕްރެޝަރުތަކަށް ބަލާއިރު، އެސްއޯއީތަކުން ބޭރު ފައިސާ ލިބޭނެ ގޮތްތައް މެދުނުކެނޑި ހޯދަމުންދާ ކަމީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެސްއޯއީތަކުން މިހާރު ފޯކަސް ކުރަން ޖެހެނީ ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުޑަކުރުމާއި މުޅި ކުންފުނީގެ ވަޒީފާތަރުތީބުކޮށްގެން ހިންގުމަށް ކަމަށް ފިރާގު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކުރެވިދާނެ އެއް ކަމަކީ އެސްއޯއީތައް ބޭނުން ކޮށްގެން އިންޕޯޓު ކުރާ ތަކެތި އެތެރެ ކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓަން ނުވަތަ އިންޕޯޓުކުރުން އެސްޓީއޯ މެދުވެރިކޮށް ޕްރޮކިއުމަންޓްކޮށް މަރުކަޒީ ކުރުން ކަމަށް ފިރާގް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޕްރޮސެސްތައް ފަސޭހަވެ، މަސައްކަތްތައް ތަކުރާރުވުން މަދުވެ، މުއާމަލާތް ކުރުމުގެ ބާރު ކޮންޓްރޯލު ކުރެވޭނެ ކަމަށް ފިރާގް ވިދާޅުވިއެވެ. އަދި ހަމައެއާއެކު ކޮރަޕްޝަން މަދުވެ، ހަރަދު ކޮންޓްރޯލް ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ މިވަގުތު ގިނަ އެސްއޯއީތަކުގައި ހިންގަނީ ގުޅުން ނެތް ވިޔަފާރީގެ ދާއިރާތަކަށް ވަނުމުގެ "ރޭސް" ނުވަތަ ހަރަކާތްތައްް ކަމަށެވެ. އަދި މާޒީގައި އެސްއޯއީތަކުން މިގޮތަށް ގުޅުން ނެތް ވިޔަފާރިތަކަށް ވަނުމުން ކަން ދިމާވި ގޮތް އޭނާ ވަނީ ހިއްސާކުރައްވާ ފައެވެ.

"މާޒީގައި އެސްއޯއީ ތަކަށް ރެސޯޓުހަދަން ރައްތަކެއް ދިން. އެއީ އެމްޓީސީސީ އަށް ދިއްފުށި (ހޮލިޑޭ އައިލެންޑު)، އެމްއެންއެސް އެލް އަށް ރަންވެލި، އެސްޓީއޯއަށް ވަކަރުފަޅި. އެކަމުން ވެސް ވީކަމެއް ނެތް، ،ތަފާތު ފަރާތް ތަކަށް ވިއްކާލީ، އެވެސް ގެއްލުންވާތީކަމަށް ބުނެ. އޭގެފަހުން އެސްޓީއޯ އިން ހުޅުމާލެ ގައި ހޮޓަލެއް އަޅަން އުޅުނު، އެ ހޮޓަލަށް މިހާރު ވެގެން އުޅޭ ގޮތްވެސް ހަބަރުތަކުން ފެންނާނެ." ފިރާގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގިނަ ފަހަރަށް އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ނުވަތަ ވާދަކޮށް މިފަދަ ތަންތަން ހިންގަން މަސައްކަތް ކުރާނަމަ އޭގެ ސަބަބުން ވަސީލަތްތަކަށް ބުރޫ އަރާ ކަމަށެވެ. އަދި މިކަމުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޮޕަރޭޝަންތައް ސްޓްރީމްލައިންކޮށް، މައިގަނޑު މަގުސަދުތަކަށް ފޯކަސްކޮށްގެން، އެސްއޯއީތަކަށް މާ ރަނގަޅަށް ހިންގޭނެ ކަމަށް ފިރާގް ވިދާޅުވިއެވެ. އަދި މިހެން ހެދުމުން އިގްތިސާދީ ލަނޑުދަނޑިތަކަށް ސްޓްރެޓެޖިކް ގޮތެއްގައި ކޮންޓްރިބިއުޓް ކުރެވޭނެ ކަމަށްވެސް ފިރާގް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުގެ ނަޒަރުގައި، ރޭޝަނަލައިޒޭޝަން އަކީ، މެނޭޖްމަންޓް އުނދަގޫކުރުމެއް ނޫން. އެއީ ހަރަދު އިތުރުކޮށްދޭ ވިޔަފާރި ތަކަށް ގެއްލުން ވާނެ ކަންކަން ހުއްޓުވާ ކަމެއް،" ފިރާގް ވިދާޅުވިއެވެ.

އެހެންކަމުން ގުޅުން ނެތް ވިޔަފާރިތަކަށް ހުއްދަ ދިނުމުގެ ބަދަލުގައި، އެސްއޯއީތަކަށް މާ ގުޅުންހުރި އަދި ދެމެހެއްޓެނިވި ނިޒާމެއް އުފެއްދުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ފިރާގް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު