ފިނޭންސް މިނިސްޓްރީ-
ފިނޭންސް މިނިސްޓްރީ-
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ޑިވިޑެންޑުގެ ގޮތުގައި 483.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރަށް ޑިވިޑެންޑުގެ ގޮތުގައި 483.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދިން ބަޖެޓުގައި ލަފާކޮށްފައިވަނީ ކުންފުނިތަކުގެ ޑިވިޑެންޑުގެ ގޮތުގައި ދައުލަތަށް 552.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން، މިހާތަނަށް ލިބުނު 483.2 މިލިއަން ރުފިޔާއަކީ މިއަހަރަށް ލަފާކުރި ޖުމްލަ އަދަދުގެ 87 އިންސައްތައެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޑިވިޑެންޑުގެ ގޮތުގައި 649 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރަށް ވުރެ 166 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މިވަގުތު ސަރުކާރުގެ ހިއްސާ އޮންނަ 30 އަށް ވުރެ ގިނަ ކުންފުނި ހިންގަމުން އަންނައިރު، މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ކެޕިޓަލްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 889 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ދައުލަތުގެ އާމްދަނީގެ މުހިންމު ބައެއް ހިއްސާކުރާ ފަރާތްތަކަކަށް ވާއިރު، މި ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ދައުލަތަށް ލިބޭ ފައިދާ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު