ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
މި ސަރުކާރުން ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލުމުގެ އިތުރުން މުޅި ގައުމުގެ މާލިއްޔަތު ވީދައި ކައި ހުސްކުރަނީ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މެމްބަރު މައުރޫފް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ "ޕިކަޕު ޖަލްސާ" ގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޒިންމާއަކީ ރައްޔިތުންނާއި ހަމައަށް ސަރުކާރަކުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަ ބުނެދީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރުން ކަމަށެވެ.

މައުރޫފް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަމުން ރައީސް މުއިއްޒު ވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް 2 ލައްކަ ރުފިޔާގެ ނަގުދު ފައިސާ ދޭނެކަމަށް ވައުދުވެފައި ކަމަށެވެ. އެހެންނަމަވެސް އަހަރެއް ފަހުން ވައުދު ފުއްދީ އެއް ލައްކަ ރުފިޔާ ލިބޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ބޮޑު ގޯހެއް، އެއީ ރައްޔިތުންނަށް މަލާމާތް ކުރުން، ރައްޔިތުން ވާވައްދާފަ އޮޅުވާލައިގެން ވޯޓު ހޯދީ،" މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރައީސް މުއިއްޒު ވަނީ ރައްޔިތުންނަށް 'ދޯކާ' ދީ، ދޮގުހަދައި އޮޅުވާލާފައެވެ.

"އިންސާނަކު ތިބޭފުޅުންގެ މައްޗައް ދޮގުހެދީމަ އެއީ އޯކޭ ކަމަށް ދެކިގެން ތިބުމަކީ ފާފަވެރިވާނެކަމެއް, ދޮގުހަދާ އޮޅުވާލުމުގެ އިތުރުން މުޅި ގައުމުގެ މާލިއްޔަތު ވީދާ ކައި ހުސްކުރަނީ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ވެރިއަކު ހޮވަނީ އެމީހަކު އަމިއްލައަށް އިންތިހާބުގައި ވާދަކޮށް، ކުރިން ވެރިކަން ކޮށްފައިވާ ފަރާތްތަކަށް ވުރެ މާ ރަނގަޅަށް ވެރިކަން ކޮށްދެއްވާނެ ކަމަށް ވައުދުތަކެއް ވުމުން ކަމަށެވެ. އަދި ރައްޔިތުން ފޮނި އުންމީދުގައި ވެރިއަކު ގެންނަނީ ކޮށްފައިވާ ވައުދުތަކަކީ ފުއްދައިދޭނެ ކަންކަން ކަމަށް ގަބޫލުކޮށްގެންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ސަރުކާރަށް 2 އަހަރު ވެގެންދާއިރު ވެފައިވާ އެއްވެސް ވައުދެއް ވިދާޅުވިގޮތަށް ފުއްދިފައި ނެތުމުން ސަރުކާރު ޖަވާބު ދާރީކުރުވަން ނިކުތުމަކީ އެމްޑީޕީގެ ވާޖިބެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވިގޮތުގައި އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތަކީ ދިވެހި ރައްޔިތުންގެ މާލިއްޔަތު ލޫޓުވާލާ ރައްޔިތުން ބިކަކޮށް، ރައްޔިތުންގެ އަތް މަތި އެކީއެކަށް ހުސްކޮށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުކޮށް، އާއްމު އަސާސީ ހިދުމަތްތައް އަތް ނުފޯރާ ހިސާބަށް ބޮޑުކޮށް މާ ރަނގަޅަށް ގައުމު ހިންގާނެކަމަށް ބުނެ ރައްޔިތުން ބިކަކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީއާއި އެކު މަގުމައްޗަށް ނިކުތުމަށް ރައްޔިތުންނަށް ގޮވާލުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރި ނުވާ ކަމަށް ބައެއް ފަރާތްތަކަށް ހީވިނަމަވެސް އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ބާއްވާ ބޮޑެތި ކޮންމެ އެއްވުމެއްގައި ނުވަތަ ޖަލްސާއެއްގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާ ކަމަށެވެ.

ތިނެއް އޮކްޓޯބަރުގައި އެމްޑީޕީން ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް މައުރޫފް ވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު