ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު
ބ. ދޮންފަނު ބިން ނުހިއްކުމަށް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވަޢުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ. އަދި ރަށްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށާއި މީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ, ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ.

އެގޮތުން ބ.ދޮންފަނުގެ ރައްޔިތުންގެ އެދުމުގެ މަތީން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަން އެރަށަށް ވަޢުދުވެވަޑައިގެން، އަދި އެ ވަޢުދު ފުއްދުމަށް އެގްރީމެންޓް ގައި ސޮއި ކޮށްފައިވާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

“ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެންކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން.'” ރައީސް ވިދާޅުވެފައެވެ.

ރައީސް މި ނިންމެވުން ނިންމާފައިވާއިރު، ދޮންފަނުގެ ބިން ހިއްކައިފިނަމަ، އެ ރަށް ކައިރީ އޮންނަ ހަނިފަރުގެ ސަރަހައްދަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް ބެލެވޭތީ އެ މަޝްރޫޢު ހިންގުން ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި ދަނީ ސޮއިކުރަމުންނެވެ.

ބ. ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ސޮއިކުރީ މިދިޔަ އޯގަސްޓް މަހު ރައީސް ބ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން 13 އޯގަސްޓްގައި ދޮންފަނަށް ކުރެއްވި ޒިޔާރަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު