ރައީސް މުއިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ، ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ، ފޮޓޯ: ރައީސް އޮފީސް
އިންޑިއާއާއެކު ސޮއިކުރި އަސްކަރީ އެއްބަސްވުންތަކުގެ ނަން ޑިފެންސް މިނިސްޓްރީން ހާމަނުކުރުމުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅައިފިއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް އިންޑިއާއާ އެކު އަސްކަރީ އެއްބަސްވުންތައް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އެއްބަސްވުންތައް ހާމަކުރާނެ ކަމަށް ވެސް ވައުދުވަމުންނެވެ.

ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އެއްބަސްވުންތަކުގައި ހުރި 'ކަންބޮޑުވާންޖެހޭ' މާއްދާތައް ބަދަލުކޮށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެ އެއްބަސްވުންތަކާ ގުޅުވައި، އާންމު ފަރުދަކު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ސުވާލެއްގައިވަނީ، އިންޑިއާއާއި ރާއްޖެއާ ދެމެދު ހަދައިފައިވާ އަސްކަރީ އެއްބަސްވުންތަކާއި އެ އެއްބަސްވުންތަކަށް އަމަލުކުރާނެ މުއްދަތު ހާމަކުރުމަށް އެދިފައެވެ.

އަދި އޭގެ ތެރެއިން އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުކޮށްފައިވާނަމަ، އެކަމަށް ސޮއިކުރި ތާރީޚާއި އެއްބަސްވުން ދަންމާލާ މުއްދަތާއި އިތުރު ތަފުސީލު ހާމަކުރުމަށް އޭނާ ވަނީ އެދިފައެވެ.

އެ ސުވާލަށް ދިން ޖަވާބުގައި ޑިފެންސް މިނިސްޓްރީން ބުނީ، ކުރީ ސަރުކާރުގައި، 2018އިން 2023އާ ހަމައަށް ދިފާއީ ދާއިރާއިން އިންޑިއާއާއި ރާއްޖެއާ ދެމެދު ވެފައިވާ އެއްބަސްވުންތައް އެކުލަވާލައިފައިވާ ގޮތުން، އެއްބަސްވުންތައް ހާމަކުރުން މަނާވާ ގޮތަށް އެއްބަސްވުންތަކުގެ ތެރެއަށް 'ކޮންފިޑެންޝާލިޓީ ކޮލޯޒް' އެއް ހިމަނާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ދިފާއީ ދާއިރާގެ އެއްބަސްވުންތައް އައުކުރުމަށް ކުރެވޭ މުއާމަލާތްތަކަކީ ވެސް ދެ ގައުމުން ވެސް ސިއްރު މައުލޫމާތުގެ ގޮތުގައި ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މައުލޫމާތު ކަމުގައިވާތީ، ދިފާއީ ދާއިރާގެ މިފަދަ އެއްބަސްވުންތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރެވޭނީ ދެ ގައުމުގެ ރުހުން ވެސް އެކަމުގައި އޮވެގެން ކަމަށެވެ.

އެފަދަ މައުލޫމާތުތަކަކީ ގައުމީ ސަލާމަތާ ވެސް ގުޅުންހުރި މައުލޫމާތު ކަމުގައިވާތީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ރިއާޔަތް ކުރާއިރު ވެސް، އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއްބަސްވުންތަކުގެ މައުލޫމާތު ޑިފެންސުން ހާމަނުކުރުމުން މިހާރު އެ މައްސަލަ އައިކޮމް އަށް ވަނީ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް