އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިވާ މަޝްރޫޢުތައް ރައްޔިތުން އެދޭގޮތަށް އިހްލާސްތެރިކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމައިދޭނެ ކަމަށް ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކަށް ރައްދު ދެމުންނެވެ.

ޝާހިދުގެ ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފ. ފީއަލީގައި ފެށި ހޮސްޕިޓަލްގެ މަޝްރޫޢު ބާރު ދުވެލީގައި ދަނިކޮށް މި ސަރުކާރުން އެ މަޝްރޫޢު ހުއްޓާލާފައިވާކަމަށެވެ. އަދި އެތައް މިލިއަން ރުފިޔާގެ މަސައްކަތް ބޭކާރުކޮށްލައި، ރައްޔިތުން ރަށުން ލިބުމަށް އެދުނު ސިއްހީ ޚިދުމަތުގެ އުއްމީދު މި ސަރުކާރުން އޮޔާލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ޕޯސްޓަށް ރައްދުދެމުން ފަލާހް ވިދާޅުވީ އިންތިހާބަށް ކަޑަޖަހަން އެމްޑީޕީ ސަރުކާރުން އެތައް މަޝްރޫއުތަކެއް ފެށިކަމަށާއި، އެހެންނަމަވެސް އެއްވެސް މަޝްރޫޢެއް ހިންގަން ބަޖެޓުގައި ފައިސާއެއް ނެތް ކަމަށެވެ.

އަދި މަޝްރޫޢުތައް ފެށީ ގާތް ރައްޓެހިންނަށް އެޑްވާންސް ފައިސާ ދީގެން ކަމަށާއި، މަޝްރޫޢުތައް ފަށާފައިވަނީ އެ ހިންގުމުގެ ނިޔަތަކު ނޫންކަމަށް ފަލާހް ވިދާޅުވިއެވެ.

"ތިމަޝްރޫއުތަކަށް މަސައްކަތެއްނުކޮށް ގާތް ރައްޓެހިންނަށް ރިޔާސީ އިންތިޚާބަށް ޚަރަދުކުރަން ޝަރުތުކޮށް ނުހައްގުން ބަހާލީ ރައްޔިތުންގެ ފައިސާކަން ރައްޔިތުންނަށް ވަރަށްސާފު،" ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ދަޅައެއް ނުދައްކާނެ ކަމަށާއި، އެ މަޝްރޫޢުތައް ރައްޔިތުން އެދޭގޮތަށް އިޚްލާސްތެރިކަމާއެކު ރައީސް ނިންމަދޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު