މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
ދަޢުލަތުގެ މުއައްސަސާތަކަށް ފާޑުކިޔަނީ ކަންކަން ރަނގަޅު ކުރަން ވެގެން ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި އުޅެނީ އިންސާނުން ކަމަށްވާތީ ކުރާ ހުރިހާ ކަމަކީ އެންމެ ފުރިހަމަ ކަމަކަށް ނުވެދާނެ ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވުމާ ގުޅިގެންނެވެ. އިޙްސާން މިހެން ވިދާޅުވީ ދިވެހި ފުލުހުންނަކީ ވެރިން ރުއްސަން އަބަދުވެސް ގާނޫނު މުގުރާ ބައެއް ކަމަށް ނަސީމް ވިދާޅުވުމުންނެވެ.

އިޙްސާންގެ ރައްދާ ގުޅިގެން ނަސީމް މީސް މީޑިއާގައި ވިދާޅުވީ، ހަގީގަތަކީ ހިތިއެއްޗެއް ކަމަށާއި ޚާއްސަކޮށް ވެރިންނަށް އެފަދަ ކަންކަން މޭރުންވާނީ އެގޮތަށް ކަމަށެވެ. ނަމަވެސް ފާޑު ކިޔުމުގެ ބޭނުމަކީ ކަންކަން ރަނގަޅު ކުރުން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

“މަނިކުފާނާއި ތެދުވެރި ފުލުހުން 24/7 ކޮށްދެއްވާ އަގުހުރި ޚިދްމަތް ދިވެހި ގައުމު ޝުކުރުވެރި ކަމާއެކު ބަލައިގަނޭ. އެކަމަކު. ދައުލަތުގެ ކޮންމެ ފަރާތަކުންވެސް ކުރާ ނޭދެވޭ ކަންކަމަށް ފާޑުކިޔޭނެ. ބޭނުމަކީ ރަގަޅުކުރުން.” ނަސީމް ވިދާޅުވެފައިވެއެވެ.

ނަސީމް މިހެން ވިދާޅުވެފައިވާއިރުު އިޙްސާން ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތުގައި އުޅޭ ހުރިހާ އެންމެންނަކީ އަބަދު އެއްމެ ފުރިހަމަ މީހުން ކަމުގައި ނުވެދާނެ ކަމަށެވެ.

“ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި. ނަމަވެސް މަނިކުފާނު ފަދަ ޢިލްމީ ބޭފުޅެއްކަމަށް ގިނަ މީހުން ޤަބޫލުކުރާ ބޭފުޅަކު ހުރިހާ ފުލުހުންނަށާއި އެ މުއައްސަސާއަށް ތި ވިދާޅުވި ބަސްފުޅަކީ ވަރަށް ޒިއްމާދާރުކަން ކުޑަ ބަސްފުޅެއް.” އިޙްސާން ވިދާޅުވެފައވެއެވެ.

އޭގެ އިތުރުން އިޙްސާން ވިދާޅުވީ، ބިނާކުރަނިވި ފާޑުކިއުމާއި ރަނގަޅުކުރަންޖެހޭ ކަންކަމުގެ މަޝްވަރާ އަކީ ތަހުޒީބު މުޖުތަމައުއެއްގައި އޮންނަންވާނެ މުހިއްމު ކަމެއް ކަމަށާއި އެކަމަށް ދިވެހި ފުލުހުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު