މަރްޔަމް ނަހްދާ ވަޙީދު   16 ސެޕްޓެމްބަރު 2025 - 22:43
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މިއީ ދިވެހި ރާއްޖޭގެ ޑިމޮކްރެސީއަށް ހިތާމަވެރި ދުވަހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި މިވަނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑިއާ ރެގިއުލޭޓަރީ ބިލާ ދެކޮޅަށް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މަޖިލީހުން މިއަދު މި ބިލު ފާސްކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގައި ލިބިފައިވާ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން މީޑިއާ ކޮންޓްރޯލުކުރުމުގެ ބިލު އަވަސް އަރުވާލައިގެން ފާސްކޮށްފައިވާ ކަމަށެވެ.

މިއީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނިމުމަކަށް އައުމުގެ ނިޝާނެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނާއި، އިދިކޮޅު ޕާޓީތަކާއި، މީޑިއާ ޖަމިއްޔާތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމު ރައްޔިތުންގެ އިހުތިޖާޖުތަކާ ދެކޮޅަށް މި ބިލު ފާސްކުރުމަށް މަޖިލީހަށް ބާރުއަޅާފައިވާ ގޮތުން، މި ސަރުކާރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްގުތަކަށް ދެއްވާ އަހައްމިއްޔަތުކަން ކުޑަކަން ހާމަކޮށްދޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ އިރާދައަށް މިފަދައިން ކުރެވޭ ފުރައްސާރައަށް ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) އިން ބޯނުލަނބާނެ ކަމަށެވެ.

އަދި ހުރިހާ ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި ސިޔާސީ ޙައްގުތަކަށްޓަކައި ވަރުގަދައަށް ތެދުވެ ހަރުކަށި ގޮތެއްގައި އެމްޑީޕީން ކުރިއަށް ދާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު