ތެދު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ވިދާޅުވެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް މަޖިލީހުން ފާސްކުރި މީޑިޔާ ކޮންޓްރޯލް ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިފާޢުކުރަށްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ، ރައީސް އޮފީހުން މިއަދު ކުރިއަށްގެންދިޔަ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުޙަައްމަދު މުޢިއްޒު ވިދާޅުވީ މުސްލިމުންނަށް ވީތީ އަޅުގަނޑުމެން އަމަލު ކުރަންޖެހޭ އުސޫލުތަކެއް އެބަހުރި ކަމަށާއި އެ ހަމަތަކަކަށް ވާންޖެހޭނީ އިސްލާމީ ހަމަތަކާއި އިންސާނީ ހަމަތައް ކަމަށެވެ. އަދި ހިތަށް އަންނަހާ ކޮންމެ އެއްޗެއް ދައްކައި، އެއްވެސް ބެލުމެއް ނެތި، އޭގެ ޙަޤީޤަތެއް ބެލުމެއްނެތި އަނެކާއަށް ގެއްލުން ދިނުމުގެ ގޮތުން ލިޔެ އުޅުމަކީ، އެއްގޮތަކަށްވެސް އިންސާނަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިސްލާމްދީން ފޮނުއްވި މައިގަނޑު ފަސް މަޤްޞަދުގެ ތެރޭގައި އަބުރު ރައްކާތެރިކޮށް ހިފެހެއްޓުން ހިމެނޭ ކަމަށެވެ. ކޮންމެ މީހަކީވެސް މަތިވެރި ﷲގެ ޙަޟްރަތުން ކަރާމާތާއި ޢިއްޒަތް ލިބިގެންވާ އަބުރެއް ލިބިގެންވާ ފަރާތެއް ކަމަށާއި، އެ އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ހައްޤެއް އަދި އަނެކާގެ ޒިންމާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން، މިކަމަކީ ބަހުސްކުރަންޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެެވެ.

ދިވެހިރާއްޖެއަކީ ސައްތަ އިންސައްތަ މުސްލިމް ޤައުމަކަށް ވާތީ، ވާހަކަ ދެއްކުމުގައިވެސް ހަމަތަކާއި އުސޫލުތަކެއްގެ ތެރެއިން ވާހަކަ ދެއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ތެދު ޙަޤީޤަތާ އެއްގޮތަށް ކޮންމެ ވާހަކައެއް ދައްކައި، ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ތެދު މަޢުލޫމާތާ އެއްގޮތަށް އުފެއްދިދާނެ ކަމަށާއި، އެކަން ކުރުމަށް ހުރަހެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އެއްވެސް ބެލުމެއް ނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު