ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިޔާ ކޮންޓްރޯލް ބިލާ ގުޅިގެން ރައްޔިތުންގެ މިނިވަންކަން ހަނިކުރުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށް ވިދާޅުވެ، އަބުރުގެ ޤާނޫނު ބާތިލުކުރި ފަދައިން މި ބިލު ވެސް ބާތިލުކުރާނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ވިދާޅުވެއްޖެއެވެ.

މިރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މި ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، މަޖިލީހުގެ އުސޫލުތަކާ ޚިލާފަށް ފާސްކޮށްފައިވާ ބިލެއް ކަމަށެވެ. ޝާހިދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބަސްބުނުމުގެ ފުރުޞަތު ހަނިކުރުން ގަބޫލުނުކުރައްވާ ކަމަށާއި، މިފަދަ ކަންކަމާ ގުޅިގެން އެމެރިކާއިން ވެސް މިހާރު ބަސް ބުނެފައިވާ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ބަސްބުނުމުގެ ފުރުޞަތު ހަނިކުރުން ތިމަންނަ ގަބޫލެއް ނުކުރަމޭ. އެމެރިކާއިން މިހާރު ބަސް ބުނެފި އެ މީހުންނަށް (ދިވެހި ރައްޔިތުންނަށް) ބަސްބުނުމުގެ ފުރުޞަތު ހަނިކުރުން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގައި ތިބި ބޭފުޅުން މިހާރު ތިބީ ފަހަތަށް ސޮއްސާލައިފައި ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް މިހާރު ހުތުރު ހިސާބަކަށް ގޮސްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެހެން އުޅުއްވާނެ ކަމެއް ނެތް މީގައި ތިޔަބޭފުޅުން ތި ތިއްބެވީ މި ވަގުތު މާ ބޮޑަށް ސޮއްސާލާފައި މާ ހުތުރު ހިސާބަކަށް ވަޑައިގެންނެވިފައި. ދެން ރަނގަޅު ވާނީ އެކަހަލަ ގޮތްގޮތަށް ނުއުޅުއްވައި ތަންކޮޅެއް ޢިލްމީ ގޮތެއްގައި މި ކަންތައްތަކުގެ ތެރެއަށް ވަޑައިގެން މިކަން ހައްލުކުރެވޭތޯ ބެއްލެވުން،" ސަރުކާރަށް ޝާހިދު އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އުސޫލުތަކެއް ޚަރާބުކޮށްލާފައި މި ބިލު ފާސްކުރިކަން ފާހަގަކުރައްވައި މަޖިލީހުގެ ކުރީގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، ބިލަށް އިޞްލާޙު ހުށަހެޅުމަށް ދިނީ އެންމެ 27 މިނެޓު ކަމަށާއި، ބިލު ޓޭބަލްކުރެއްވީ އެއް މިނެޓުގެ ތެރޭގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އެ އިއްޒަތްތެރި ޝަރަފުވެރި މުއައްސަސާ މުޅިން ޚަރާބުގެ މަގަށް ސޮއްސުވާލި ދުވަސް އެއީ އިއްޔެ،" ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން، ސަރުކާރަށް ކުރެވެން އޮތް ކަމަކީ ވީހާ ވެސް އަވަހަކަށް ބިލު އަނބުރާ ފޮނުވާލެއްވުން ކަމަށް ޝާހިދު

ވިދާޅުވިއެވެ. އަދި ބިލު ހުށަހެޅުއްވި ފަރާތުން ބިލު އަނބުރާ ގެންގޮސް، ޤާނޫނުއަސާސީގެ އިމުގެ ތެރެއަށް ވަނުމަށް ޝާހިދު އިލްތިމާސްކުރެއްވިއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ތާރީޚުގައި، 18 ވަނަ މަޖިލީހުގެ ދައުރުގައި އޭރުގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އަބުރުގެ ޤާނޫނެއް ހުށަހެޅުއްވި ކަމަށާއި، ރައްޔިތުން "ކަތިލުމަށް" ރީތި ބަސްބަސް ލައްވައިގެން ހުށަހެޅުނު އެ ޤާނޫނު ވެސް މިފަދައިން ދަމާގެންގޮސް ފާސްކުރި ކަމަށާއި، ނަމަވެސް އެކަން ވެސް ނުހިފެހެއްޓުނު ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރަށް، ޕީއެންސީއަށް އަދި ޕީޕީއެމްއަށް އެނގެން ބޭނުންވާ ކަމަކީ ރައްޔިތުންގެ ޚިޔާލުގައި، ރައްޔިތުންގެ ދުލުގައި، ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި އަތް ނޭޅޭނެކަން ކަމަށެވެ.

"އަނގަ ބަންދު ނުކުރެވޭނެކަން ދިވެހިރާއްޖޭގެ ރައްޔިތުން އެއަށްވުރެ މާ ބޮޑަށް މިނިވަންކަމަށް އެދިގެން ގެނެސްފައިވާ ޤާނޫނުއަސާސީއެއް މިއީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އަބުރުގެ ޤާނޫނު ބާތިލުކުރި ފަދައިން، މި މީޑިޔާ ކޮންޓްރޯލް ޤާނޫނު ވެސް ބާތިލުކުރާނެ ކަމަށެވެ. ޝާހިދު ވަނީ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.

"މި ޤާނޫނަކީ ސައްޙަ ޤާނޫނެއް ކަމަށް ޤާނޫނުއަސާސީގެ އިމުގެތެރެއިން ގަބޫލުނުކުރާތީ މިއީކީ ޤާނޫނެއް ކަމަށް ވެސް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު