އެސް.ޓީ.އޯ.އިން މޭވާ އާއި ތަރުކާރީ އެތެރެކުރުމަކީ އާންމު ވިޔަފާރިއަށް ވަނުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުންނަށް އެންމެ ހެޔޮ އަގުގައި، އެންމެ ފެންވަރު ރަނގަޅު މޭވާ އާއި ތަރުކާރީ ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި އެމަނިކުފާނުގެ މެނިފެސްޓޯގައި ފުޑް ސެކިއުރިޓީއަކީ ވަރަށް މުހިންމު ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާނެ ކަަމަށެވެ. އަދި މިކަމަށް ޚާއްޞަ ވުޒާރާއެއްވެސް މިހާރު އެބައޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އުފެއްދޭނެ ބާވަތްތައް އުފެއްދުން އިތުރުކުރުމަށްޓަކައި، އެކި ފަރާތްތަކަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ސަރުކާރުން ދެމުން އަންނައިރު، މިހާރުވެސް ބައެއް ފަރާތްތަކުން ޢަމަލީ މަސައްކަތުގެ މަރުޙަލާއަށް ވަނުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގައި އެސް.ޓީ.އޯ.ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެސް.ޓީ.އޯ.ގެ ބޭހުގެ ވިޔަފާރި މިހާރު ސަރުކާރުން ވަކިން ޚާއްޞަކޮށްގެން އެކަމަށް އުފެއްދި ކުންފުންޏަށް ދޫކޮށްލާފައިވާ ކަމަށާއި، އެ ކުންފުނިން ބޭހާއި މެޑިކަލް އިކުއިޕްމަންޓްސް އަދި މެޑިކަލް ޑިވައިސަސް ގެންނާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް އެންމެ ހެޔޮ އަގުގައި، އެންމެ ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ލިބޭނެގޮތް ގާއިމުކުރުމަށްޓަކައި ސަރުކާރުން ނިންމި ނިންމުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެސް.ޓީ.އޯ.އިން މިހާރު ފޯކަސް ކުރަނީ ކާބޯތަކެތީގެ ވިޔަފާރިއަށެވެ. އެގޮތުން އެސް.ޓީ.އޯ.އިން ރާއްޖޭގެ އެކި ރަށްރަށުން ބިންތައް ނަގައިގެން ކާބޯތަކެތި އުފައްދަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު ޕޯލްޓްރީ ފާރމިންގގެ ތެރެއަށް ވަދެ، ވަރަށް އަވަހަށް އިންވެސްޓް ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ސަރުކާރުގެ ނިންމުން. އެހެންވީމާ، ފުޑް ސެކިއުރިޓީއަށް ފުޅާ ދާއިރާއެއްގައި އެސް.ޓީ.އޯ.އިން ވަންނާނެ އިނގޭތޯ. މިއީ ހަމަ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާ ކަންކަން. ދެން މި ކަންކަން ކުރުމުން މިކަމާ ހިތްހަމަ ނުޖެހޭ ބަޔަކު ހިތްހަމަ ނުޖެހޭނީ ރައްޔިތުންނަށް ހެޔޮގޮތެއްވާން ބޭނުންނުވާތީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ، އެންމެ މުހިންމު އެންމެ ގިނައިން ބޭނުންކުރާ، މޭވާއާއި ތަރުކާރީގެ ބާވަތްތައް ވެސް އެތެރެކުރުން. މިއީކީއެއް އާންމުންކުރާ ވިޔަފާރިއަށް ވަނުމެއްނޫން. މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު އަގުގައި، މި ތަކެތި ލިބޭނެގޮތް ހެދުން،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު