އަހުމަދު މަސްނޫމް   19 ސެޕްޓެމްބަރު 2025 - 18:5
ވ. ފުލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މެދު ރާއްޖެތެރޭގެ ހަތަރު އަތޮޅެއްގެ 31 ރަށަށް މިއަދު މެންދުރު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުލިދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ވ. ފުލިދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީ އަދި ފުލިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިމްތިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢެކެވެ. މަޝްރޫޢުގެ ޖުމްލަ އަގަކީ 63.4 މިލިއަން ދިވެހި ރުފިޔާއެވެ. މަޝްރޫޢު ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 465 ދުވަހެވެ.

މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއެކު 334 މީޓަރުގެ ދިގު ކީވޯލްއެއް ޤާއިމުކުރުމާއި، 351 މީޓަރުގެ ބޭރުތޮށި ހެދުމާއި 593 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއިބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް އެޅުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުންމަގުބައްތިތަކާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު