ރާއްޖޭގައި ވޭޕް ބޭންކޮށް އަދި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއްނިންމުން ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ޔޫތް މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވީ މިވަގުތަށް ބައެއް ފަރާތްތައް މިނިންމުމާ މެދު ހިތްހަމަނުޖެހުނަސް، މީގެ މަސްތަކެއް ނުވަތަ އަހަރުތަކެއް ފަހުން، މިނިންމުމާއެކު ވޭޕުކޮށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި އެތައް ހާސް ޒުވާނުން އެކަމާމެދު އުފާކުރާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި މިއީ ޒުވާން ޖީލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށް މަހުލޫފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މީގެ ސަބަބުން ކޮންމެ މަހަކު ދުންފަތަށް އިސްރާފުކުރަމުންދިޔަ އެތައްހާސް ރުފިޔާއެއް ސަލާމަތްކުރެވޭނެކަމަށެވެ. މީގެއިތުރުން، މަހުލޫފް ވިދާޅުވީ ވޭޕުގެ އަވައިގައި މަސްތުގެ މަގަށް ގެއްލެމުންދިޔަ އެތައް ކުޑަކުދިންނެއް މިނިންމުމުގެ ސަބަބުން ސަލާމަތްކުރެވޭނެކަމަށެވެ.

ވޭޕް ބޭންކޮށް އަދި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއްނިންމުން ކަމަށް މަހުލޫފް ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ވެރިކަމެއްގައި ސިނގިރޭޓްގެ ޑިއުޓީ ކުޑަކޮށް އާންމުންނަށް ވޭޕް ހުއްދަ ކުރާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެފައިވަނިކޮށެވެ.

މިސަރުކާރުން ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ބޮޑުކޮށްފައިވާއިރު، ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މިފިޔަވަޅުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ރައްކާތެރިކުރުމަށް އަޅާފައިވާ މުހިއްމު ފިޔަވަޅުތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު