ރައީސް ފ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން-
ރައީސް ފ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން-
ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަގީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަަކަފުޅުގައެވެ.

އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު ހެނދުނު، ފ. މަގޫދޫ އިޖުތިމާއީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި، ފ. މަގޫދޫ ރައްޔިތުންގެ ތަރައްގީއަށް ބޭނުންވެފައިވާ ކަންކަން ވަނީ ރައީސްއާަ ހިއްސާކުރައްވާފައެވެ.

އެގޮތުން މަގޫދޫ ރައްޔިތުން ވަނީ، އެރަށުގައި އަޅާ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެއާޕޯޓް ހުޅުވާނެ ތާރީހެއް ދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މި ހުށައެޅުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މުޅި އެއާޕޯޓްގެ މަޝްރޫއު އެގްރިމަންޓާއި އެއްގޮތަށް ގިނަވަގެން ބާރަ މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

މަގޫދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫއުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސް ހޯލާއި ސިއްހީ މަރުކަޒުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަގީން ކަން ވެސް ރައީސް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު