ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ސިޔާސީ މުވައްޒަފުންގެ މުސާރައަށް ހޭދަކުރާ މިންވަރު ޢާއްމު ނުކުރާތީ ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ނުރުހުން ފާޅުކުރަށްވައިފިއެވެ.

މި މައްސަލާގައި ޑރ. ޖަމީލް ނުރުހުން ފާޅު ކުރަށްވާފައިވާއިރު، ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުގެ ތަފުސީލު ހޯދުމަށް މިދިޔަ މާރިޗު މަހުގެ 31ގައި، އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކް އަހުމަދު އީސާ ވަނީ ފިނޭންސް މިނިސްޓްރީއަށް ސުވާލު ހުށަހަޅުއްވައިފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައިކް ހުޅައެޅުއްވި ސުވާލަށް ފިނޭންސުން އެކަށީގެންވާ ޖަވާބެއް ނުލިބުމުން އޭނާ ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް ހުށައަޅުއްވާފައެވެ. އެމައްސަލައިގެ އަޑުއެހުމުގައި ފިނޭންސުން ބުނެފައި ވަނީ، ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ބަލަހައްޓަނީ އެ މިނިސްޓްރީން ނޫން ކަމަށާއި، އެއީ ވަކިން ލިޔެގެން ކެޓަގަރައިޒް ކޮށްފައި ހުންނަ މައުލޫމާތެއްވެސް ނޫން ކަމަށެވެ.

"މި މިނިސްޓްރީގައި ވަކިން ލިޔެކިޔުމުން ބަލަހައްޓާ މައުލޫމާތެއް ނޫން މި މައުލޫމާތަކީ." ފިނޭންސްގެ ލީގަލް އެސިސްޓެންޓް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޖަމީލް ވިދާޅުވީ، ބަޖެޓް ހޭދަކުރާގޮތް ހާމަކުރުމަކީ ގާނޫނު ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި އެއީ ބަޙުސެއްވެސް އޮތްކަމެއް ނޫން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެކު ޑިމޮކްރެސީއެއް އޮންނަ ތަނެއްގައި ރައްޔިތުންގެ ފައިސާއަށް ޖަވާބުދާރީވާން ޖެހޭނެކަން ޑރ. ޖަމީލް ވަނީ ފާހަގަ ކުރަށްވާފައެވެ.

"މުސާރަޔަށް ހޭދާކުރާވަރު ސާބިތުކޮށްގެން ނޫސްވެރިން ދެން ލިޔާނީ ކިހިނެތް؟ މިއީ ޚުދުމުޚުތާރުވެރިން ތިބޭގޮތް!" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.



ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992 އެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،280 މީހުން އެބަތިބި ކަމަށެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 992 ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެކަމުގެ ވައުދާ އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު