އިދިކޮޅު އެމްޑީޕީން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ސަރުކާރަށް ދެކޮޅަށް ބާއްވަން ނިންމާފައިވާ "ލޫޓުވައިފި ލޫޓުވައިފި" ބޮޑު މުޒާހަރާގައި 10،000 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ރައްޔިތުން ބައިވެރިވާނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ދެ އަހަރުވީއިރު ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓެއް ނުވަތަ ބޮޑު އިންވެސްޓްމަންޓެއް ފެންނަން ނެތް ކަމަށާއި ދޮގާއި މަކަރާއި އޮޅުވާލުން ގިނަ ކަމަށް ގަބޫލުކުރެވޭ ބައެއްގެ ވާހަކަ ދިވެހި ރައްޔިތުން ގަބޫލުނުކުރާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ ދިވެހި ރައްޔިތުން މިހާރު ސަރުކާރުގެ ވާހަކަ ގަބޫލުނުކުރާތީ، ސުލްޙަވެރިކަމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށެވެ. ބޭރުގެ އެހެން ޤައުމުތަކުގައި ވެރިކަން ބަދަލުކުރުމުގައި ނުވަތަ ވެރިންނާ ދެކޮޅަށް ރައްޔިތުން ނުކުމެ ހިންގާ ޒާތުގެ ކަންކަން ދިވެހިރާއްޖޭގައި ހިނގާކަށް އެމްޑީޕީން ބޭނުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މައުރޫފް އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުން ވޯޓުދީގެން މިހާރު ތިބި ބޭފުޅުން ވެރިކަމަށް ގެނައީ، ދޮގު ހަދައި، އޮޅުވައިލައި، މަކަރުހަދައި، ޚިޔާނާތްތެރިވާނެ ބަޔަކު ކަމެއް އެނގިގެންނެއް ނޫން ކަމަށެވެ. އެމީހުން ވެރިކަމަށް ގެނައީ ރައްޔިތުން ވަރަށް ބޮޑު އުންމީދާއެކު ކަމަށާއި އެހެން ނަމަވެސް މިހާރު ސަރުކާރަށް ދެ އަހަރު ކުރި ކަންކަމަށް ބަލާއިރު މުޅި ދައުލަތާއި ގައުމު ލޫޓުވާލަނީ ކަމަށް އެނގޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އެހެންވީމާ ދެން ވެސް މި ގައުމާއި މި ގައުމުގެ އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލު ސަލާމަތްކުރުމުގެ ޒިންމާ މި އޮތީ އަޅުގަނޑުމެންގެ މަތީގައި. މިކަމަށް މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭ،" މައުރޫފް ވިދާޅުވިއެވެ.

އަދި މިކަން ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ އޮކްޓޯބަރު 3 ގައި މާލެ އައިސް، އެމްޑީޕީން ބާއްވާ ރެލީގައި ކެރިކުޅަދާނަކަން ހުރި މިންވަރަކުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މައުރޫފް ގޮވާލެއްވިއެވެ. މައުރޫފް ލަފާކުރެއްވި ގޮތުގައި، އަދަދުން އެކަނި މިކަން ނިންމާލެވޭނެ ކަމަށާއި، އިރާދަކުރެއްވިއްޔާ 10،000 އާއި 15،000 އާ ދޭތެރޭގެ އަދަދަކަށް ރައްޔިތުން ބައިވެރިވާނެ ކަމަށެވެ.

ސަރުކާރުގެ އާމްދަނީއަށް އަލިއަޅުވާލައްވަމުން މައުރޫފް ވިދާޅުވީ، ބިލިޔަނުން ބިލިޔަނުން ގޮސް މި އަހަރުގެ އަންދާޒީ އާމްދަނީ 39 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށާއި، މިދިޔަ އަހަރު ވެސް ގާތްގަނޑަކަށް އަންދާޒާ ކުރި ވަރަށް އާމްދަނީ ލިބިފައިވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ އާމްދަނީ ރަނގަޅަށް ހުރިއިރު، މައްސަލައަކީ އާމްދަނީ މިސް މެނޭޖުކުރެވެމުންދާ ކަމަށެވެ.

"ވެގެން މިއުޅޭ ގޮތަކީ ދައުލަތަށް ލިބޭ އާމްދަނީ އެންމެންގެ މެދުގައި ހަމަހަމައަށް ބަހާލައިގެން ހެޔޮ ވެރިކަމެއް ކުރަން ނޭނގިގެން މި އުޅެނީ،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ޤައުމު ހިނގާ ގޮތް ގޯސްވެގެން ނޫން ކަމަށާއި، ހިންގަން ހަވާލުވާ މީހާ ނުވަތަ މުސާރަދީފައި ހަވާލުކުރެވޭ މީހާ ގޯސްވީމާ ކަމަށެވެ. މިފަދަ "ނިއު ނޯމަލް"އެއްގައި ދެން ރައްޔިތުން މަޑުން ނުތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު